އޭޕްރިލް 22, 2025

ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި އެޗްޑީސީގެ މުވައްޒަފަކަށް ދައުވާކުރަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މުވައްޒަފަކު، ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ވިއްކާނެ ކަމަށް ބުނެ، އޮޅުވާލައިގެން އަމިއްލަ މީހެއްގެ އަތުން ބައި މިލިއަނަށްވުރެ ނެގި މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝާން (އޭސީސީ) އިން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، އެޗްޑީސީގެ އެސްޓޭޓް އޮފިސަރުގެ މަގާމުގައި ކުރިން ހުރި މ. ސީވިންޑް، ފުތިހަ ޝާކިރުގެ މައްޗަށެވެ.

އޭސީސީން ބުނީ، 2022 ވަނަ އަހަރު އެޗްޑީސީގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 2,600 އަކަފޫޓުގެ ބިމެއް ވިއްކާނެ ކަމަށް ބުނެ، ފުތިހަ ޝާކިރު، އެޗްޑީސީގެ ނަމުގައި ސައްހަ ނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، ޖުމުލަ 550,000.00 ރުފިޔާ އަމިއްލަ މީހެއްގެ އަތުން ހޯދާފައިވާކަން ތަހުގީގުން ހޯދިފައިވާ ކަމަށެވެ.

އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދައުވާ އެވެ. އަދި ބިން ވިއްކާނެ ކަމަށް ބުނެ ހޯދި ފައިސާ އެ ދައުވާގެ ތެރެއިން ހޯދުމަށްވެސް އޭސީސީން ޕީޖީ އޮފީހުގައި އެދިފައިވެ އެވެ.