އޭޕްރިލް 22, 2025

ޝަމްއާން ހައްޔަރުކުރީ ފްރޭމްކޮށްގެން: އަނބިމީހާ

ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ހުރީ އޭނާގެ މައްޗަށް ފްރޭމްކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި ކަމަށް ޝަމްއާންގެ އަނބިކަނބަލުން ހިދުފާ ފާއިޒު ރޭ ވިދާޅުވެއްޖެ އެވެ.

ހިދްޔާ ފޭސްބުކުގައި ރޭ ކުރެއްވި ޕޯސްޓެއްގައި ބުނީ  ޝަމްއާން ފްރޭމްކޮށް، ”ނުހައްގުން ހައްޔަރު ކޮށްގެން ގެންގުޅޭތާ“ މަސް ދުވަސް ވެފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހިދްޔާ ދީފައިނުވެ އެވެ.

ޕޯސްޓުގައި ހިދްޔާ ބުނީ ޝަމްއާން ހިދުމަތް ކުރީ ތެދުވެރިކަމާއި، ޝަރަފުވެރިކަމާމެދު ރަނގަޅު ބަދަލެއް ގެނައުމަށް ކަމަށެވެ. އަދި އޭގެ ހެޔޮ އަސަރަކީ ދޮގުނުކުރެވޭނެ ކަމެއް ކަމަށް ހިދްޔާ ބުންޏެވެ.

”އޭނާގެ ކާމިޔާބީ ފާހަގަކުރިއިރު މެސެޖުތައް ފުނިޖެހުނު. ތައުރީފުގެ އަޑު އެހާ ގަދަ. އަދި އެހީތެރިކަން އަބަދު ވެސް ލިބުނު. އެކަމު ނުހައްގުން ޖަލަށްލީމާ، އެ ކަމާ ހަނު،“ ހިދުފާ ބުންޏެވެ.

އެއާއެކު ހިދުފާ ވަނީ ކުރިން ޝަމްއާނަށް ތަރުހީބު ދިން މީހުން ކޮބައިތޯއާއި، ”ފްރެންޑު“ އަދި ”ބްރަދާ“ ކިޔައިގެން އުޅުނު މީހުން ކޮބައިތޯ ސުވާލު ކޮށްފައެވެ.

ހިދުފާ ބުނީ ޝަމްއާންގެ ބޭނުން ޖެހުނު ވަގުތު، އެ މީހުންނަށް ޝަމްއާންގެ އެހީ އަބަދުވެސް ދިން ކަމަށެވެ. އަދި އެ މީހުންގެ ވާހަކަ ގަބޫލުކޮށް އެ މީހުންނަށް ޓަކައި މަސައްކަތްކޮށްދީ ކުރިއަރުވައިދިން ކަމަށެވެ.

”ދެން މިހާރު އޭނާއަށް ނުހައްގުން ބޮޑު އަނިޔާއެއް ކުރިމަތިވާރު ތި ހުންނަނީ ހަނު؟ އެ ކަމާ ދެކޮޅަށް އަނގައިން ބުނަން ބިރުން؟،“ ހިދުފާ ބުންޏެވެ.