ކުރިއަށް ފެށުމަށް ހަމަޖެހިފައިވާ ހައުސިން ޕްރޮޖެކްޓްތަކުން ކައިވެނި ނުކުރާ ޒުވާނުންނަށް ވެސް ފްލެޓް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން މިއަދު ގެނެސްދޭން ފެށި ’ދެނޯ‘ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް އެންމެ ބޭނުންތެރި ކަންތައް ކަމަށާއި ހާއްސަކޮށް މާލެ ފަދަ ތޮއްޖެހިފައިވާ ރަށްތަކުގައި އެ ބޭނުން ބޮޑު ކަމަށެވެ.
އެކަން ހައްލުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބިން އުފައްދައި ހައުސިން މަޝްރޫއުތައް ފަށައި ހައުސިން ލޯނު ދޫކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
”ކުރިއަށް އޮތްތާގައި ހައުސިން ޕްރޮޖެކްޓްތައް ފެށުނީމަ ޒުވާނުން ކުދިންނަށް، މެރީ ނުކޮށް ތިބޭ ކުދިންނަށްވެސް އަދި އަލަށް މެރީ ކުރާ ކުއްޖާއަކަށްވެސް ހާއްސަ ވާނެ، ފުރުސަތުތަކެއް ދޭނެ. ބައެއް ކުދިން ކައިވެނި ނުކުރެވޭ ތަނެއް ނެތިގެންވެސް. އެހެންވީމަ އެކި ކެޓަގަރީސްތަކެއް އެބަ އަންނަޖެހޭ،“ ރައީސް ވިދާޅުވި އެވެ.



