ބިދޭސީންގެ ހައްގުތައް ނިގުޅައިގަންނަ މައްސަލައަށް ހޯދައިދީ ހައްގުތައް ރައްކާތެރިކޮށްދޭނަން: ރައީސް
ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަންނަ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާ ބޮޅެއް އިތުރުވި ދުވަހެއް ކަމަށެވެ. ސަބަބަކީ 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް އަދާހަމަކުރެވުން ކަމަށް ރައީސް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ މެއި މަހު، ރައީސްގެ އިރުޝާދުގެ ދަށުން ސަރުކާރުން ވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރަން ’ކުރަނގި’ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.
ރައީސް ވަނީ އެ އޮޕަރޭޝަންގައި ހަރަކާތްތެރިވަމުންދާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.



