މިދިޔަ މަހުގެ ބިލު ބޮޑުކަމަށް ފެންނަނީ އޭޕްރީލް މަހު ޑިސްކައުންޓު ދީފައިވާތީ: ސްޓެލްކޯ 

ކަރަންޓުގެ އަގު ހެޔޮކުރުމުން ވެސް ބިލް ބޮޑުވި ކަމަށް ފެންނަނީ އެޕްރީލް މަހުގެ ބިލްގައި ރޯދަ ޑިސްކައުންޓު ހިމަނާފައިވާތީ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން އެކްސްގައި އިއްޔެކުރި ޕޯސްޓެއްގައި ބުނީ އާ ޓެރިފް ރޭޓަށް މިދިޔަ މަހުގެ ބިލު ހެދުމުން ވެސް އެމަހުގެ ބިލު ބޮޑު ކަމަށް ބައެއް ކަސްޓަމަރުންނަށް ފެންނަނީ އޭޕްރީލް މަހު ޑިސްކައުންޓު ލިބިފައިވާތީ ކަމަށެވެ.

އާ ޓެރިފް ރޭޓާ އެއްކޮށް ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ ތިން ބިލު (ރޯދަ ޑިސްކައުންޓު ހިމަނާފައިވާ ދެ ބިލާއި ކުރު މުއްދަތަކަށް ބިލުކުރި ބިލު)ގެ ކުރިން ދީފައިވާ ބިލާ އަޅައިކިޔުމުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެގޮތުން ޑިސެމްބަރު 2024 ނުވަތަ ޖަނަވަރީ 2025ގެ ބިލާއި، އާ ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަގީގީ ފަރަގު ސާފުވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.