އީދެއްގައި އަންހެންވެރިން ނުކުމެ ނުނަށާ ވަރަށް މި އީދުގައި ނަށައިފި، ހިތާމައިގެ ކޮޅެއް ނެތް: އަލީ

އީދެއްގައި އަންހެންވެރިން ނުކުމެ ނުނަށާ ވަރަށް މި ބޮޑު އީދުގައި ނެށުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ދީނީ ޖަމިއްޔާއެއް ކަމަށްވާ މަންފާގެ ރައީސް އަލީ ރަމީޒު މިއަދު ވިދާޅުވެއްޖެ އެވެ.

”ފަހުގެ ތާރީހެއްގައި އީދެއްގައި އަންހެން ވެރިން ނުކުމެ ނުނަށާ ވަރަށް މި ބޮޑު އީދުގައި ނަށައިފި. ހިތާމައިގެ ކޮޅެއް ނެތް،“ އަލީ ރަމީޒު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އެ ޕޯސްޓަށް ކޮމެންޓް ކޮށްފައިވާ ބައެއް މީހުން ވަނީ އަލީ ރަމީޒުގެ އެ ވާހަކައަށް ތާއީދުކޮށް ވާހަކަ ދައްކައިފަ އެވެ. އެގޮތުން އެކަކު ވަނީ އެއް ބަޔަކު އަނެއް ބަޔަކަށް ވާދައަށް އެކަން ކުރަން އުޅުނުހެން ހީވި ކަމަށް ބުނެފަ އެވެ. އެހެން މީހަކު ވަނީ އަންހެންވެރިން ނުކުމެ ނެށުން މަޑުމަޑުން ނެތި ގޮސް ގޮސް އޮއްވައި އެކަން އިޔާދަވަނީ ކީއްވެގެންތޯ ސުވާލުކޮށްފަ އެވެ.

އީދުގެ ހަރަކާތްތަކުގައި އަންހެންވެރިން ނުކުމެ ނެށުމާއި ދީނާ ހިލާފު ބައެއް ކަންކަން ކުރުން އިތުރުވަމުން އަންނައިރު ކޮންމެ އަހަރަކުވެސް އީދާ ދިމާކޮށް އިސްލާމީ އަހުލާގާއި ސަގާފަތާ ތައާރުޒު ނުވާ ގޮތައް އީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ. ނަމަވެސް އެކަންކަން ބަލާނެ ބަޔަކު ނުވަތަ މުއައްސަސާއެއް ނޯވެ އެވެ.