ސަރުކާރެއް ބަދަލުކޮށް ހީނަރުކުރަން އުޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން: ރައީސް ވަހީދު

ރައްޔިތުންގެ އިންތިހާބަކުން އަންނަ ސަރުކާރެއް ބަދަލުކޮށް އެކަހެރިކޮށް ހީނަރުކުރުމަށް މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސް، ރައީސް ވަހީދު ވިދާޅުވީ ސިޔާސީ ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަންޖެހޭނީ ގައުމުގެ މަންފާއަށްޓަކައި ކަމަށެވެ. އަދި ކުޑަ ގައުމަކަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށާއި އެފަދަ ވަގުތުތަކުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ނުކޮށްފި ނަމަ އެކަމުގެ ފައިދާ ނަގާނީ ބޭރުގެ ފަރާތްތަކުން ކަމަށް ވެސް ވިދާޅުވި އެވެ.

”އަޅުގަނޑުމެންގެ ސިޔާސީ މަސައްކަތް ހުންނަންވާނީ މި ވަގުތު އޮންނަ ސަރުކާރެއް ބަލިކުރުމަކަށް ނޫން. މިއީކީ ތަޅާފޮޅުމެއް ކަމަށް އަބަދު ދެކިގެން ނުވާނެ. ރައްޔިތުންގެ އިންތިހާބަކުން ސަރުކާރެއް ވެރިކަމަށް އައުމަށްފަހުގައި އެ ސަރުކާރު ކާމިޔާބުކޮށް ކުރިއަށް ދިއުމަކީ އެއީ ރައްޔިތުންނަށް ލިބޭ ފައިދާއެއް. ނަމަވެސް ގިނަ ފަހަރު ފެންނަމުން ދަނީ އެ ސަރުކާރު ބަދަލުކުރުމަށްޓަކައި އެކަހެރިކޮށް ހީނަރުކުރުމަށްޓަކައި މަސައްކަތް ކުރެވޭތަން އެބަ ފެނޭ. އެއީކީ އެންމެ ރަނގަޅު ގޮތެއް ނޫން،“ ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވި އިރު، ރައީސް ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012 ގައި ބަދަލުކުރުމަށް ބަޣާވާތް ކުރި ކަމަށާއި އެ ބަޣާވާތުގެ އެންމެ އަޑީގައި ހުންނެވީ ރައީސް ވަހީދު ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.