ފިރުއައުނު އަރަގު ހާދިސާއިން އެނގެނީ ﷲ ކާފިރުވެ، ދުނިޔެ ފަސާދަކުރާ މީހުންނަށް ގަދަފަދަ އަޒާފު ލިބި އެ ފަދަ މީހުން ނެތިކުރައްވާނެކަން ކަމަށް ހުކުރު ހުތުބާގައި ބުންޏެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ އާޝޫރާ ދުވަހުގެ މާތްކަމުގެ މައްޗަށެވެ.
ހުތުބާގައި ބުނީ އާޝޫރާ ދުވަހަކީ މުހައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ އާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ. ހުތުބާގައި ބުނީ އާޝޫރާ ދުވަހަކީ، ފިރުއައުނުގެ ކިބައިން، مُوْسَىގެފާނު ސަލާމަތްކުރައްވައި، ފިރުއައުނާއި، އޭނާގެ ލަޝްކަރު، މާތް ﷲ އަރަގުކުރެއްވި ދުވަސް ކަމަށެވެ. ބަނީ އިސްރާއީލު ބާގައި މީހުން ސިއްރިއްޔާތުގައި މިސްރުން ނުކުތުމުން، ފިރުއައުނު އޭނާގެ ލަޝްކަރީން އެއްކޮށް، مُوْسَىގެފާނާއި އެކަލޭގެފާނުގެ ގައުމު މުޅީން ނައްތައިލުމަށް ޓަކައި ނުކުތް ކަމަށް ހުތުބާގައި ބުންޏެވެ.
ފިރުޢައުނުގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިމީހުންނާ ވަރަށް ކައިރިވުމުން، މާތް ﷲ مُوْسَىގެފާނަށް، އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށް ވަހީކުރެއްވި ކަމަށާއި އެ ހިނދު އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމުން ކަނޑުގެ މެދުން މަގުތަކެއް އުފެދުނު ކަމަށް ހުތުބާގައި ބުންޏެވެ.
މާތް ﷲ ކަނޑު ހިއްކަވައިދެއްވުމުން ބަނީއިސްރާއީލު ބާގައިގެ ބާރަ ގަބީލާގެ މީހުން އެއިން ކޮންމެ ބަޔަކަށް ހާއްސަކުރެވިގެންވާ މަގުން ކަނޑު ހުރަސްކޮށް ދިޔަކަމަށް ހުތުބާގައި ބުންޏެވެ. ފިރުއައުނާއި އޭނާގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައި މީހުންގެ ފަހަތުން ދިޔަ ކަމަށާއި ނަމަވެސް އެ މަގުތަކަށް ފިރުޢައުނުގެ ލަޝްކަރު ވަދެ ނިމުމުން އެ ކަނޑު ކުރީން އޮތް ގޮތަށް މާތް ﷲ ބަދަލުކުރެއްވި ކަމަށް ހުތުބާގައި ބުންޏެވެ،
”މި ފަދަ ހާދިސާތަކުގައި، ގިނަގުނަ އިބުރަތްތަކާއި ދަރުސްތައް ވެއެވެ. މީގެ އެންމެ މުހިންމު ފިލާވަޅަކީ، اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެ ނަބިއްޔުންނާއި އެކަލާނގެއަށް އީމާންވާ މީސްތަކުން، ބޮޑެތި މުސީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅެވެ“ ހުތުބާގައި ބުންޏެވެ.
”ފިރުއައުނު އަރަގުކުރެއްވި ހާދިސާއިން އެނގެނީ، މާތް اللهއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ އަޒާބުން އަޒާބުދެއްވައި، ނެތިކުރައްވާނެކަމެވެ..އެ މީހުންނަށް އެ ކަމުގައި ކާމިޔާބެއް ނުލިބޭނޭކަމެވެ. އަދި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭނޭކަމެވެ. ހަމައެހެންމެ، މާތް ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި، ޝަރަފާއި، ގަދަރު ދެއްވާނޭކަމެވެ“
ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވި އިރު އެ ރަށުގެ ޔަހޫދީން އާޝޫރާ ދުވަހު ރޯދަހިފާތީ، އެއީ ކީއްވެގެން ހިފާ ރޯދައެއްތޯ އެމީހުންނާ ސުވާލުކުރެއްވި ކަމަށް ހުތުބާގައި ބުންޏެވެ.އެއީ، އެ ދުވަހު މާތް ﷲ مُوْسَىގެފާނު ސަލާމަތްކުރައްވައިފައި ވާތީކަމަށް އެކަލޭގެފާނަށް ދެންނެވުމުން، ހަދީސްކުރެއްވި އެވެ.
”ތިޔަބައިމީހުންނަށް ވުރެ، مُوْسَى ގެފާނަށް ޓަކައި ތިޔަކަންކުރުން ހައްގުކަން ބޮޑީ ތިމަން ކަލޭގެފާނެވެ.“ ރަސޫލާ ހަދީސްކުރެއްވި އެވެ.
އާޝޫރާ ދުވަހު ރޯދަހިފުމުގެ ސަވާބު ބަޔާންކޮށްދެއްވަމުން ރަސޫލާ ހަދީސްކުރައްވާފައިވެ އެވެ.
”އާޝޫރާ ދުވަހު ރޯދަހިފުމަކީ، ވޭތުވެ ދިޔަ އަހަރުގެ ކުށްފާފަތައް، މާތް الله ފުއްސަވައިދެއްވާނެ އަމަލެއްކަމުގައި ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.“ ރަސޫލާ ހަދީސްކުރެއްވި އެވެ.
އާޝޫރާ ދުވަހު ރޯދަހިފުމުގެ ތިން ދަރަޖައެއް ވެއެވެ. އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ އާޝޫރާދުވަހާ އެކު އެއް ދުވަސް ކުރީންނާއި އެއްދުވަސް ފަހުން ރޯދަހިފުމެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުމެވެ. އެއީ ގިނަ ހަދީސްތަކުން ދޭހަވާ ގޮތެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަހިފުމެވެ.
ހުތުބާގައި ބުނީ އާޝޫރާ ދުވަހު ރޯދަހިފުން ފިޔަވައި، އެ ދުވަހާއި އެރޭ ”އާޝޫރާ ދުއާ“ގެ ނަމުގައި ވަކި ދުއާއެއްކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުއުކުރައްވައިފައެއް ނެތތް ކަމަށެވެ.
މުހައްރަމް މަހަކީ، މާތް ﷲ ހުރްމަތްތެރިކުރައްވައިފައިވާ މަހެއް ކަމަށް ހުތުބާގައި ބުންޏެވެ.
”ރަމަލާން މަހަށް ފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ ﷲ ގެ މައްސަރުކަމުގައިވާ މުހައްރަމު މަހެވެ“ މި މިސް މާތްﷲ ގެ ޒާތުފުޅަށް ނިސްބަތްކުރެއްވުމުން އއ މަހުގެ މާތްކަމާއި ޝަރަފުވެރިކަން އެނގެ އެވެ.

2 Comments
ގުޅުންހުރި
ހިޖުރައިން ލިބޭ ފިލާވަޅަކީ ދަތި އުނދަގޫތަކުގައި އީމަންކަންމަތީ ތިބިމުގެ މުހިންމުކަން: ހުތުބާ
ކިބުރުވެރި ނުވެ، ހިތްތިރިކަމުގެ ސިފައިން ޒީނަތްތެރިވި މީހާގެ ދަރަޖަ މާތް ﷲ
މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެހީތެރިވުމަކީ ވާޖިބެކެވެ.
ހައްޖު މަހުގެ ފުރަތަމަ 10 ދުވަހު ސާލިހު އަމަލުތައް ގިނަކުރަން ޖެހޭ:
ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ﷲ މި ދުނިޔޭގައި
ރަސޫލާގެ ސުންނަތާ ދެކޮޅު ހަދާ މީހުންނާމެދު ސަމާލުވާންޖެހޭ: ހުތުބާ