ޖުލައި 3, 2025

އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެން އަގުބޮޑު ގެ އާއި ލުއިތައް ހޯދައި ދެނީ

ރާއްޖޭގައި އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެން ލުއި ގޮތްތަކެއް ހަމަޖައްސައިދޭ ޕްރޮގްރާމެއް ފަށަން އިނގިރޭސި ވިލާތުގެ ކުންފުންޏަކާއެކު ސަރުކާރުން ސޮއިކޮށްފި އެވެ.

”ރެޒިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމް“ ގެ ނަމުގައި ފަށާ އެ ޕްރޮގްރާމް ހިންގަން ސޮއިކޮށްފައިވަނީ އިނގިރޭސި ވިލާތުގެ ހެންލީ އެންޑް ޕާޓްނާސްއާ އެވެ. އެ ކުންފުންޏަކީ ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ފާހަގަކޮށްލެވޭ، އިންވެސްޓްމެންޓް މައިގްރޭޝަން އެޑްވައިޒަރީ ކުންފުންޏެވެ. އެގޮތުން އެ ކުންފުނިން މިހާރު ވެސް ވަނީ 15 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގައިފަ އެވެ

ހެންލީ އެންޑް ޕާޓްނާސް އާއެކު ހެދި އެއްބަސްވުމުގެ ދަށުން، 2040 ވަނަ އަހަރަށް އެ ޕްރޮގްރާމް ނިންމައި، އިންވެސްޓަރުންނަށް ރާއްޖޭގައި ދިރިއުޅެވޭނެ ގޮތްތައް ފަހިވާނެ އެވެ.

ސިންގަފޫރުގައި ބޭއްވި ރަސްމީ ބައްދަލުވުންތަކުގެ ހަވާސާގައި ބޭއްވި އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖެއަކީ މިހާރުވެސް ދަތުރުކުރާ މީހުންނަށް ލަގްޒަރީ މަންޒިލެއްގެ ގޮތުގައި މަގުބޫލު ގައުމަކަށްވާއިރު މި ހެދި އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި އިންވެސްޓްކުރާ މީހުންނަށް ދިރިއުޅެން ލުއިގޮތްތަކެއް ހަމަޖައްސައިދެވޭނެ ކަމަށެވެ.

އަދި އެފަދަ ޕްރޮގްރާމެއްގެ ތެރެއިން ރާއްޖޭގެ އިގުތިސާދު އިތުރަށް ޑައިވާސިފައި ކުރުމަށް އެހީއަކަށްވާނެ ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމުގެ ތެރެއިން ދުނިޔޭގެ އެންމެ މަގުބޫލު އިންވެސްޓަރުންނަށް ރާއްޖޭގައި ދިގު މުއްދަތަށް ދިރުއުޅުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ފަރާތްތަކާ އެކު ހަދާ ދިގު މުއްދަތުގެ އެއްބަސްވުމުގެ ތެރެއިން އެހެން ލުއިތައް ވެސް ދެވޭނެ އެވެ.

ހެންލީ އެންޑް ޕާޓްނާސްގެ މެނޭޖިން ޕާޓްނާ އެންޑް ހެޑް އޮފް ގަވަންމެންޓް އެޑްވައިޒާ، ފިލިފް އެމަރެންޓީ ވިދާޅުވީ، ރާއްޖޭގެ އަމާންކަމާއި ސުލްހަވެރިކަމުގެ ސަބަބުން، މިއީ މަހުޖަނުން ދިރިއުޅެން އެންމެ ރަނގަޅު އެއް މަންޒިލް ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ ރެޒިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމްގައި، ރާއްޖޭގައި ދިރިއުޅެން ބޭނުންވާ މީހުންނަށް އިމާރާތްކޮށްދޭނީ ބޭނުންވާ ޕްރައިވެސީ ލިބޭ އެންމެ ޒަމާނީ ޕްރޮޕަޓީތަކެއް ކަމަށެވެ.