ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އިންޑިއާގެ އެކްސްޕޯޓް ބޭންކް މެދުވެރިކޮށް 565 މިލިއަން ޑޮލަރުގެ ލޯނެއް ނުވަތަ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ބައިވެރިވެވަޑައިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އިންޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުއެވެ.
އެ އެލްއޯސީގެ އިތުރުން އިންޑިއާ އިން ދީފައިވާ ލައިން އޮފް ކްރެޑިޓް ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިގޮތްތައް ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ޒަމީރު ސޮއިކުރެއްވިއިރު، އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ޖައިޝަންކަރުއެވެ.



