މުހައްމަދު ފުލުހަށް ދިޔައިއިރު ސްޓޭޝަނުގައި ފުލުހުން ނެތީ ކްރައިމް ސީނަށް ހުރިހާ ފުލުހުން ގޮސްފައިވުމުން!

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި އެ ރަށު ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމަށް ވަޅިން ހަމަލާދިން، ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމް (މޯޑް)، ޕޮލިސް ސްޓޭޝަނަށް ދިޔައިރު ސްޓޭޝަނުގައި ފުލުހުން ނެތް ސަބަބު ފުލުހުން ސާފުކޮށްދީފި އެވެ.

މޫސަގެ މަރުގެ މައްސަލައާ ގުޅިގެން މުހައްމަދު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މޫސައަށް ހަމަލާ ދިނުމަށްފަހު، މުހައްމަދު ވަނީ އެ ރަށުގެ އަތިރިމައްޗަށް މޫސައަށް ހަމަލާދިން ވަޅި އެއްލައިލައި، އަމިއްލައަށް މާވަށު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެފަ އެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މުހައްމަދު، ޕޮލިސް ސްޓޭޝަނަށް ދިޔައިރު އެ ސްޓޭޝަންގައި އެއްވެސް ފުލުހަކު ނެތް ކަމަށާއި ފުލުހަކު ސްޓޭޝަނަށް އައީ މުހައްމަދު އެތަނުގައި ހުންނަތާ އިރުގަނޑެއް ފަހުން ކަމަށެވެ.

ފުލުހުން އެކަމާ ގުޅިގެން މީޑިއާތަކަށް ހާއްސަކޮށްފައިވާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ މާވަށު ޕޮލިސް ސްޓޭޝަންގައި އެ ވަގުތު ފުލުހަކު ނެތީ ހުރިހާ ފުލުހުން މޫސަގެ މަރުގެ ކްރައިިމް ސީނަށް ގޮސްފައިވާތީ ކަމަށެވެ.

މުހައްމަދު، ޕޮލިސް ސްޓޭޝަނަށް ހާޒިރުވި ކަމުގެ މައުލޫމާތު ލިބުމާއެކު ކްރައިން ސީނުގައި ހަރަކާތްތެރިވި ފުލުހުންތަކެއް ސްޓޭޝަނަށް ދިޔަކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިނގި ދެބަސްވުމެއްގައި ހިނގި މި މާރާމާރީގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެންނެވެ. ފުލުހުން އެ ވަޅި ވެސް ހޯދީ މުހައްމަދު އެ ވަޅި އެއްލައިލިތަން ފުލުހުން ގާތުގައި ބުނުމުންނެވެ.

 މުހައްމަދަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.

ފުލުހުންވަނީ މޫސަގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލައިފަ އެވެ.