އެމްއެމްޕީއާރުސީ ހިޔާނާތުން 14 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހެއްކާއެކު ހޯދިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް އެގޮތަށް ވިދާޅުވީ މި ސަރުކާރުން ހިޔާނާތުގެ މައްސަލަތަކުގައި ފިޔަވަޅު އަޅަމުން ނުދާ ކަމަށް މަޖިލީހުގެ މެންބަރަކު ވިދާޅުވުމުން، ރައްދު ދިނުމުގެ ގޮތުންނެވެ.
”އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ ވަނީ ފާހަގަކުރެވިފައި، އޮޑިޓު ތެރެއިން. އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި ފަރާތްތައް ހެއްކާއި ގަރީނާ އާއެކު އެއްވެސް ޝައްކެއް ނެތް މިންވަރަށް ހޯދިފައި،“ ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް އެއީ ކޮން ބައެއްކަން ނާޒިމް ހާމައެއް ނުކުރައްވަ އެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި މިހާތަނަށް ކުށް ސާބިތުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ކުރި ދައުވާތަށް ސާބިތުވެފައިނުވެ އެވެ.



