އޯގަސްޓް 11, 2025

ޝުޖާއުއަށް ޖޮއިންޓް ކޮމިޓީގެ މުގައްރިރުކަން ދީފި

ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރު ކުރި ކަމަށް ބުނާ ރިޕޯޓެއް ލީކުވި މައްސަލަ ފުލުހުން ބަލަން ފަށާފައިވަނިކޮށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އާއި ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން މިދިޔަ ހަފްތާގައި ވަކިކުރި ބާރަށު ދާއިރާގެ މެންބަރު، އަދި ވެރިކަންކުރާ ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއާއި އިޖްތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މުގައްރިރަކަށް އިންތިހާބު ކޮށްފިއެވެ.

ޝުޖާއު އެސްއޯއީ ކޮމިޓީން ވަކިކުރިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އިއުލާންކުރީ މިމަހުގެ ފަސްވަނަ ދުވަހު އޮތް މަޖިލިސް ޖަލްސާގައެވެ. ޝުޖާއުގެ ބަދަލުގައި އެކޮމެޓީއަށް އައްޔަނުކޮށްފައި ވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

ޝުޖާއު މާލިއްޔަތު ކޮމިޓީން ވަކިކޮށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ބަދަކުރިންކަން މަޖިލިސް ރައީސް އިއުލާން ކުރެއްވީ މިމަހުގެ ހަތަރުވަނަ ދުވަހު އޮތް މަޖިލިސް ޖަލްސާގައެވެ.

އެސްއޯއީ ކޮމެޓީ އަކީ ދައުލަތުން ހިންގާ ނުވަތަ ދައުލަތުން ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އިދާރާތައް ހިންގަމުންދަނީ، ނުވަތަ ހިންގަނީ ހަރުދަނާ ވިޔަފާރި އުސޫލުންތޯ ބެލުމާއި، އެ އިދާރާތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެއިދާރާތަކުން މަސައްކަތްކޮށްފައިވޭތޯ ބެލުމާއި، އެ އިދާރާތަކުގެ މާލީ ހާލަތު ދަނީ އަހަރުން އަހަރަށް ހަރުދަނާ ވަމުންތޯ ނުވަތަ ނިކަމެތި ވަމުންތޯ ބެލުމާއި، އަދި އެ އިދާރާތަކުގެ ހިއްސާގެ ފައިދާ އަހަރުން އަހަރަށް ދައްކަމުން ގޮސްފައިވާ ގޮތް ބެލުމެވެ.

އަދި ދައުލަތުން ހިއްސާވާ ކުންފުނިތަކުގެ ނުވަތަ ދައުލަތުން ހިއްސާވާ ވިޔަފާރި އިދާރާތަކުގެ ތެރެއިން އެކަށީގެންވާ ފައިދާ ނުލިބޭ ތަންތަނުން އިސްލާހީ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އަދި އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ދިރާސާކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑަށް މީހުން އައްޔަންކުރުމާއި ވަކިކުރުމާ ގުޅޭގޮތުން މަޖިލީހުގެ ލަފާ ހޯދުމަށް އެދި ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އަދި ބޯޑުގެ މަސްއޫލިއްޔަތު އަދާކުރަމުން ދޭތޯ ބެލުމާއި ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް ހުރަހެއް އޮތްތޯ ބެލުމާއި، ބޯޑުގެ މަސައްކަތްތައް ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމަކީވެސް އެކޮމެޓީގެ މަސްއޫލިއްޔަތެކެވެ.

ދައުލަތުގެ އިދާރާތަކުން ކުރާ އެކިއެކި ހަރަދުތަކަކީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިން އަދި މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތްވާ ގޮތުގެމަތިން ކުރާ ހަރަދުތަކެއްތޯ ބެލުމާއި، މަޖިލީހުން ފާސްކުރާ ފައިސާގެ އަދަދުތައް ހަދުކުރަނީ އެކަންކަމަށްތޯ ބެލުމަކީ މާލިއްޔަތު ކޮމިޓީގެ މަސްއޫލިއްޔަތެކެވެ.

އަދި ހުއްދަކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ދައުލަތުގެ އިދާރާތަކުން ފައިސާ ހަރަދުކޮށްފައިވާނަމަ، އެގޮތަށް ފައިސާ ހަރަދުކުރަންޖެހުނު ސަބަބާއި ހާލަތު ބެލުމާއި ދައުލަތުގެ މާލިއްޔަތާ ގުޅޭގޮތުން ކަންކަން ބެލުމުގައި، ދައުލަތުގެ އިދާރާތަކާއި، ދައުލަތުގެ ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ ވިޔަފާރި އިދާރާތަކާއި، ދައުލަތުގެ މިނިވަން އިދާރާތަކުގެ މާލީ ހިސާބުތައް ދިރާސާކުރުމާއި، އޮޑިޓަރ ޖެނެރަލްގެ އެކިއެކި ރިޕޯޓްތައް ދިރާސާކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެންގުމަކީވެސް އެ ކޮމިޓީގެ މަސްއޫލިއްޔަތެކެވެ.

މީގެ އިތުރުން، ދައުލަތަށް ލޯނު ނެގުމާއި ދައުލަތުގެ ފަރާތުން ގެރެންޓީ ދިނުމުގައި މަޖިލީހުގެ ފަރާތުން އަދާކުރަންޖެހޭ ދައުރާ ގުޅިގެން ކަންކަންކުރުމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތައް ބެލުންވެސް ހިމެނެއެވެ.

ޝުޖާއު މާލިއްޔަތު ކޮމިޓީން ވަކިކުރިކަން އިއުލާންކުރި ދުވަހު، އޭނާ ވަނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރަކަށްވެސް އިންތިހާބުކޮށްފައެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި އިޖްތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރަކަށް ޝުޖާ އައްޔަން ކުރަން ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ. ތާއީދު ކުރެއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމިދެވެ.

ޝުޖާގެ އިތުރުން މާފަންނު ހުޅަނދު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމްގެ ނަންވެސް މުގައްރިރަކަށް ހުށަހެޅިއެވެ.

އޭނާގެ ނަން ހުށަހެޅުއްވީ އައްޑޫމީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާންއެވެ. ނަމަވެސް މުސްތަވާ ވަނީ ތަނާޒުލުވެ ވަޑައިގެންފައެވެ.

އެހެނެކަމުން ޝުޖާއު މުގައްރިރަކަށް އިންތިހާބު ކުރަން ހުށަހެޅި މައްސަލައަށް ހުށަހަޅައި ވަނީ ފާސްކޮށްފައެވެ.