ކ. ދިއްފުށީގައި ހިންގަމުން އަންނަ ސްޓޯން ހޮޓެލްސް އިމާރާތްކުރުމުގެ މަސައްކަތް އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ކުރިއަށް ގެންދިއުމުން އެ ހޮޓެލް ހިންގާ ކުންފުނި, ސްޓޯން ހޮޓެލްސް މޯލްޑިވްސް ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ, ސްޓޯން ހޮޓެލްސް އިމާރާތްކުރުމާ ގުޅޭ ގޮތުން އެ ކުންފުނިން ހުށަހަޅާފައިވާ އީއައިއޭ ރިޕޯޓުގައި އެ މަޝްރޫއުގެ މަސައްކަތްތައް އެ އެޖެންސީގެ ހުއްދަ ނެތި ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެކަން ސާފުކުރުމުން އެކަމަށް އިއުތިރާފުވެފައިވާ ކަމަށް ބުންޏެވެ.
އެހެންވެ އީޕީއޭ އިން ވަނީ, ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012 ގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓްތައް ގަބޫލުކުރިކަމުގެ ލިޔުން ނުވަތަ ތިމާވެށީޣެ ގޮތުން ނިންމި ގޮތުގެ ލިޔުން ހޯދުމަކާ ނުލައި ސްޓޯން ހޮޓެލްސް އިމާރާތްކުރުމުގެ މަސައްކަތްކޮށް ނިންމާފައިވާ ކަމަށް ކަނޑައަޅައިފަ އެވެ.
އަދި އެ ކުންފުނި 20,000 ރުފިޔާ އިން ޖޫރިމަނާކޮށް އެ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އެ އެޖެންސީއަށް ދެއްކުމަށްވެސް އީޕީއޭ އިން ވަނީ އަންގައިފަ އެވެ.



