ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައެއްގައި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ބޮކްސާ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެހި ފިރިހެނަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ އުމުރުން 50 އަހަރުގެ އަޙްމަދު ޒާހިދު ނަމަކަށް ކިޔާ ދިވެހި ފިރިހެނެކެވެ. އޭނާ ބަންދުކުރަން އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، އޭނާގެ އަތުން 250 ގްރާމްގެ މެފްޑްރޯން ފެނިފައިވެ އެވެ.
މި ތަކެތި ފެނުނީ އޭނާ ލައިގެން ހުރި ބޮކްސާގެ ތެރެއިން ކަމަށް ފުލުހުންނާއި ކަސްޓަމްސްގެ ލިޔުންތަކުން އެނގޭކަމަށް އަމުރުގައިވެ އެވެ.
ކޯޓު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ޒާހިދު ކޯޓުގައި ބުނެފައިވަނީ، މި މައްސަލާގައި ހިމެނޭ އަސްލު މީހާ ހޯދުމަށް ފުލުހުން މަސައްކަތް ނުކުރާ ކަމަށެވެ. މީގެކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރު ކުރުމުގެ ރެކޯޑް އޮތް ޒާހިދު، މި މައްސަލައާ ގުޅިގެން 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.


