ސެޕްޓެމްބަރ 11, 2025

ނޮޅިވަރަންފަރުގެ ހައުސިން ޔުނިޓް އެއްބަސްވުމުގައި ސޮއިނުކުރާ ފަރާތްތަކަށް އަންނަ ހަފުތާގައި ފުރުސަތުދެނީ

ހދ. ނޮޅިވަރަންފަރުގައި ގާއިމްކޮށްފައިވާ 100 ހައުސިން ޔުނިޓް އެއްބަސް ވުމުގައި ސޮއިނުކުރާ ފަރާތްތަކަށް އަންނަ ހަފްތާގައި ސޮއި ކުރުމުގެ ފުރުސަތު ދޭނެކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

މިނިސްޓަރީއިން ބުނެފައިވާ ގޮތުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކާއެކު ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ނޮޅިވަރަންފަރުގައި ކުރިއަށް ގެންގޮސްފައިވީ ނަމަވެސް ބައެއް ފަރާތްތަކުން އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާކަމަށެެވެ.

އެހެންކަމުން، ހައުސިން ޔުނިޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިންތިޒާމް 14 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް މި މިނިސްޓްރީގައި އޮންނާނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް އިސްވެދެންނެވި ތާރީހްތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް މިމިނިސްޓްރީން ހައުސިން ޔުނިޓް ލިބުނު ފަރާތްތަކަށް ގުޅަމުން ގެންދާނެ ކަމަށް  މިނިސްޓްރީން ބުންޏެވެ.