ސެޕްޓެމްބަރ 18, 2025

ނޭޝަނަލް ސާވިސްގެ ފުރަތަމަ ބެޗުގައި ހިމެނޭ 340 ޒުވާނުން ތަމްރީނަށް ފުރައިފި

ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތް (މޯލްޑިވްސް ނޭޝަނަލް ސާވިސް) ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ހިމެނޭ ބައިވެރިން ތަމްރީނަށް ފުރައިފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ, ނޭޝަނަލް ސާވިސްގެ ފުރަތަމަ ބުރުގައި 350 ބައިވެރިން ހޮވުނު ނަމަވެސް ތަމްރީން ހެދުމަށް މިއަދު ޅ. މާފިލާފުއްޓަށް ގޮސްފައިވަނީ 340 ބައިވެރިން ކަމަށެވެ. މާފިލާފުއްޓަކީ ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ. އެ ރަށުގައި ނޭޝަނަލް ސާވިސްގެ ބައިވެރިން ތިން މަސް ދުވަހުގެ ތަމްރީނެއް ފުރިހަމަ ކުރާނެ އެވެ.

ނޭޝަނަލް ސާވިސް ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގެ މަގުސަދަކީ ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް, އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް, ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް, ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމެވެ.

އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލި މި ޕްރޮގްރާމުގައި ޖުމުލަ 1,244 ޒުވާނުން ބައިވެރިވިއެވެ. އަދި އެ ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް 6,000 ރުފިޔާގެ އެލަވަންސެއް ދޭންވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.