އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް އަންނަ މަހު ނަގަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލެއްގެ ގޮތުގައި އުފެދިފައިވާ ގޮތަށް ބަދަލު ގެންނަން އައްޑޫ މީހުން ބޭނުންވާކަން މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެ މަނިކުފާނަށް ހުށަހަޅުއްވާފައިވާ ކަމަށާއި އެކަމަށް ވައުދުވެސް ވެވަޑައިގެންފައިވާނެ ކަމަށެވެ.
ނަމަވެސް މިދިޔަ ރައްޔިތުންގެ މަޖިލީހުގެ ކުރިން އެކަން ނުވި ކަމަށާއި އޭރުން ފެށިގެން މިއަދާ ހަމައަށްވެސް މިއައީ އެކަމާމެދު މަޝްވަރާތައް ކުރަމުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫގައި ވަކިވަކި ކައުންސިލެއް އޮންނަން ބޭނުންތޯ ނުވަތަ މިހާރުގެ ގޮތަށް އައްޑޫ ސިޓީ ކައުންސިލް ގޮތަށް ކުރިއަށް ގެންދާނީތޯ އަހައި ގޮތެއް ނިންމަންޖެހޭ ކަމަށެވެ.
އަދި އެ ކަން ނިންމާނީ އައްޑޫ މީހުން ކަމަށާއި ރައްޔިތުން ގާތު ނާއްސަވައި އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އެވެ.
”އައްޑޫ ހުޅުދޫ ކައުންސިލްގެ ގޮތުގައި ކައުންސިލެއް އުފެއްދުންތޯ ނޫނީވިއްޔާ ހަމަ މިހާރު އެ އޮތްގޮތަށް އައްޑޫ ސިޓީގެ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮންނަންތޯ. ހަމަ އެގޮތަށް މީދޫ. އައްޑޫ މީދޫ ކައުންސިލް އުފައްދަންތޯ ނޫނީވިއްޔާ، ހަމަ މިހާރު އޮތްގޮތަށް އައްޑޫ ސިޓީގެ ކައުންސިލްގެ ގޮތުގައި އޮންނަންތޯ. ފޭދޫވެސް، އައްޑޫ ފޭދޫ ކައުންސިލްގޮތަށް ވާންތޯ ނޫނީވިއްޔާ މިހާރު އޮތް ގޮތަށްތޯ،“ އައްޑޫ މީހުން ކައިރީގައި އަހާނެ ސުވާލު ސާފުކޮށްދެމުން ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އައްޑޫގެ ރައްޔިތުންގެ މެދުގައި އެ ވޯޓު އަންނަ މަހު ނަގައި، އެ ވޯޓުގެ ނަތީޖާ އެ މަހު ބޭނުންވެ އެވެ. އަދި ވަކިވަކި ކައުންސިލްތައް އުފެއްދުމުން އައްޑޫ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރަން މަގުފަހިވާނެ ކަމަށްވެސް ވިދާޅުވި އެވެ.




ގުޅުންހުރި
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި