ސިވިލް ސާވިސް ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެމްބަރު 1 އިން ފެށިގެން ބޮޑުކުރަނީ

ރައީސް މުއިއްޒު ---

ސިވިލް ސާވިސް ހުރިހާ މުވައްޒަފުންގެ މުސާރަ މި އަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި, މުސާރަ ބޮޑުވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ޕޭ ހަމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ ނޮވެމްބަރު 1 އިން ފެށިގެން ހާމަނައިޒް ކުރެވި, މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ.

އަދި މި އަހަރުގެ ރިޔާސީ ބަޔާނުގައި އެ ފަރާތްތަކުގެ މުސާރަ މި އަހަރު ބޮޑުވެގެންދާނެ ކަމަށް ދަންނަވާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

”ކުރިންވެސް ދަންނަވާފައިވާ ފަދައިން, މި އަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ,“ ރައީސް ވިދާޅުވި އެވެ.