މާލެ ސަރަހައްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި ”އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމް“ގެ ނަމުގައި ފައިނޭންސިން ސްކީމެއް ތައާރަފުކުރުމަށް އެމްއްއެމްއޭ އިން ނިންމައި ރެގިއުލޭޝަނެއް ނެރެފިއެވެ.
އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި ހުރިހާ ބޭންކުތަކުން ލޯން ޕޯޓްފޯލިއޯގެ ތެރެއިން މަދުވެގެން 10 – 15 ޕަސަންޓް އެ ސްކީމަށް ކަނޑައަޅަންވާނެއެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ސްކީމުގެ ދަށުން ދޫކުރާ ފައިނޭންސިން ފެސިލިޓީ އަދާކޮށް ހަލާސްކުރަންޖެހޭ މުއްދަތަކީ 25 އަހަރު ދުވަހެވެ. ނަމަވެސް ފެސިލިޓީ ނަގާ ފަރާތުން އެދިގެން އެއަށްވުރެ ކުރު މުއްދަތެއް ހަމަޖައްސައި ދެވިދާނެ ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.
އެމްއެމްއޭގެ އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3500 ހައުސިން ޔުނިޓަށް އެ ސްކީމްގެ ދަށުން ފައިނޭންސިން ހަމަޖެހިގެން ދިއުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ އެ ސްކީމްގެ ދަށުން ދޫކުރާ ފައިނޭންސިން ފެސިލިޓީތައް ދޫކުރުމަށް މައިގަނޑު ދެ ގޮތެއް އިހުތިޔާރުކުރެވިދާނެ ކަމަށާއި އެއީ، ލީސް އެންޑިން ވިތު އޯނާޝިޕް (ޓައިޕް އޭ) އަދި އެންޑް ޔޫސާ ފައިނޭންސިން އޮޕްޝަން (ޓައިޕް ބީ) ކަމަށެވެ.
ޓައިޕް އޭ – ލީސް އެންޑިން ވިތު އޯނާޝިޕް (ބޭންކްތަކުން ފައިނޭންސްކޮށްގެން ހަދާ ހައުސިން މަޝްރޫއުތައް)
- ސްކީމް ހިންގާ އިދާރާއަކުން އިމާރާތްކުރާ ފަރާތްތައް މެދުވެރިކޮށް ގެދޮރު އިމާރާތްކޮށް، ގެދޮރު ގަތުމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ފައިނޭންސިން ފެސިލިޓީ ދޫކުރެވިގެންދާނެއެވެ.
- މި ފެސިލިޓީގެ ދަށުން އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ ފެސިލިޓީގެ ޕްރިންސިޕަލްގެ ފަސް ޕަސަންޓެވެ.
- ފައިނޭންސިން ފެސިލިޓީ ފޯރުކޮށްދިނުމަށް ހެދިފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ކުލި ދައްކާ ނިމުމުން، އެ ފެސިލިޓީގެ ދަށުން ނަގާފައިވާ ތަނުގެ މިލްކުވެރިކަން، ފެސިލިޓީ ނެގި ފަރާތުގެ ނަން މައްޗަށް ބަދަލުކުރެވޭނެއެވެ.
- ފައިނޭންސިން ފެސިލިޓީއާ ގުޅިގެން އެއްވެސް ރަހުނެއް އަދި އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެއެވެ. ނަމަވެސް ކުލީގެ މުއްދަތަށް ސެކިއުރިޓީ ޑިޕޮސިޓްއެއް ބަހައްޓަން ޖެހިދާނެއެވެ.
ޓައިޕް ބީ – އެންޑް ޔޫސާ ފައިނޭންސިން (ޑިވެލޮޕާ / އިންވެސްޓާ ފައިނޭންސްކޮށްގެން ހަދާ ހައުސިން މަޝްރޫއުތައް)
- ކަނޑައެޅިފައިވާ ގެދޮރު އިމާރާތްކުރާ ފަރާތްތަކުން ގެދޮރު ގަތުމަށް އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ސްކީމް ހިންގާ އިދާރާއިން ފައިނޭންސް ދޫކުރެވިގެންދާނެއެވެ.
- މި މޮޑެލްގެ ދަށުން ފައިނޭންސިން ފޯރުކޮށްދިނުމުގެ އާންމު އުސޫލުތަކާއި، އަގާއި އަދި މުއްދަތު ކަނޑައަޅާނީ އޮތޯރިޓީއިން އަންގާ ގޮތެއްގެ މަތިންނެވެ.
- މި ފެސިލިޓީގެ ދަށުން އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ ފެސިލިޓީގެ ޕްރިންސިޕަލްގެ ހަ ޕަސަންޓެވެ.
- ގެދޮރު ގަންނަ ފަރާތްތައް އިކުއިޓީގެ ގޮތުގައި ފަސް ޕަސަންޓު ބަހައްޓަން ޖެހޭނެއެވެ.
- ފައިނޭންސިން ފެސިލިޓީން ގަންނަ ތަނުގެ އިތުރުން އެހެން ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ބަހައްޓަން ނުޖެހޭނެއެވެ.
އެމްއެމްއޭ އިން ބުނީ އެ ސްކީމްގެ ދަށުން ގެދޮރު ގަނެވޭނީ އެ އޮތޯރިޓީން ހުއްދަ ދޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެކަނި ކަމަށާއި އޭގެ އިތުރުން، އެ ސްކީމްގެ ދަށުން ފައިނޭންސިން ފެސިލިޓީ ދޫކުރެވޭނީ އަލަށް ގެދޮރުވެރިކަމުގެ މިލްކިއްޔާތު ލިބޭ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި އެ ފަރާތަކީ އެ ސްކީމްގެ ދަށުން ދޫކުރެވޭ ފައިނޭންސިން ފެސިލިޓީއަށް މަހުންމަހަށް ދައްކަން ޖެހޭ އަދަދު ދެއްކުމުގެ ގާބިލުކަން ހުރި ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.
މާލީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގެ އިތުރުން، އާންމު ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ހެޔޮ އަގުގައި ފައިނޭންސިން ހޯދައިދިނުމަކީ އެމްއެމްއޭއިން އިސްކަންދޭ ފައިނޭންޝަލް އިންކުލޫޝަން ނުވަތަ މާލީ ބައިވެރިވުމުގެ ބައެއް ކަމަށެވެ. އެގޮތުން، މާލީ ނިޒާމްގެ ތެރެއިން އާންމުންނަށް ލިބެން ހުރި ހިދުމަތްތައް ފުޅާކޮށް އެކަށީގެންވާ ހެޔޮ އަގެއްގައި ފައިނޭންސް ހަމަޖެހިގެން ދިއުމަކީ މާލީ ނިޒާމުގެ އިތުރުން ގައުމުގެ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއްކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން މީގެ ކުރިން، 2017 ގައި ބޭންކުތައް މެދުވެރިކޮށް ކާމިޔާބުކަމާއެކު އެފަދަ ހައުސިން މަޝްރޫއުތައް ހިންގާފައިވެއެވެ. އެގޮތުން، އަރަބިއްޔާ އަދި ގާކޮށި ފްލެޓްތައް ގިނަ ބަޔަކު އަތްފޯރާފަށުގައި ގަނެފައިވަނީ އެމްއެމްއޭއިން ހިންގި އެފަދަ ހައުސިން މަޝްރޫއުތަކުންނެވެ.




1 Comment
ގުޅުންހުރި
ޕެންޝަން އޮފީހުން ސަރުކާރަށް 2 ބިލިއަން ދިނުން: ބޯޑުން ޝަރުވަޝް އިސްތިއުފާ
ނޮޅިވަރަންފަރުގެ ހައުސިން ޔުނިޓް އެއްބަސްވުމުގައި ސޮއިނުކުރާ ފަރާތްތަކަށް އަންނަ ހަފުތާގައި ފުރުސަތުދެނީ
ބިދޭސީ މަސައްކަތްތެރިން މިދިޔަ އަހަރު 143 މިލިއަން ޑޮލަރަށް ވުރެ ގިނަ
އަންނަ އަހަރު ކުރީކޮޅު ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އަޅައިދިނުމުގެ މަސައްކަތް
ކުރީ ސަރުކާރުން ދިން ފުލެޓުތައް އަތުލެވޭނީ ކޯޓަށް ގޮސްގެން: ފަހި ޔޫނިއަން
އިގްތިސޯދު ދައުރުވާ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މަދުވެއްޖެ: އެމްއެމްއޭ