މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަޝްރޫއުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމެވެ.
ބާރަ ބުރިއަށް ހަދާ މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކިން އޭރިއާއެއް ހަދާނެ އެވެ. ފުރަތަމަ ބުރީގައި ރިސެޕްޝަނެއް އަދި ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ހަދަން ނިންމާފައިވާއިރު އެއް ވަނަ ބުރިން 12 ވަނަ ބުރިއަށް ހުންނާނީ އޮފީސް ބައިތަކާއި މީޓިން ރޫމުތައް އަދި ނަމާދު ކުރާ ކޮޓަރިތަކެވެ.
މީގެ އިތުރުން އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމު ގާއިމުކޮށްފައި ހުންނާނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، 39 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއު ނިންމަން ދީފައިވަނީ 540 ދުވަސް ކަމަށެވެ. އަދި މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫއުއެއް ކަމަށްވެސް ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި އިމާރާތުން އަހަރަކު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އާމްދަނީގެ 20 ޕަސެންޓް ޒަކާތު ހައުސްއަށް އަދި ބާކީ އާމްދަނީގެ 80 ޕަސެންޓް އިސްލާމިކް ވަގުފް ފަންޑަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.


