ޖިނާއީ މައްސަލަތަކުގެ ލިޔެކިޔުންތައް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ލަފައެއްނެތި ނައްތާނުލުމަށް ފުލުހުންނަށް އަންގައިފިއެވެ.
ޕީޖީ އޮފީހުން އެގޮތަށް އެންގީ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ”ޕޮލިސް ރެކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު“ ގެ 21 ވަނަ މާއްދާއަށް ގެނައި އިސްލާހާ ގުޅިގެންނެވެ. އެ މާއްދާއަކީ ރައްކާކުރަން ޖެހޭ ލިޔެކިޔުމާއި މައުލޫމާތުތަކާ ގުޅޭ މާއްދާއެވެ.
އެ މާއްދާއަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވަނީ ޖިނާއީ މައްސަލައެއްގައި ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން ނިންމައިފި ނަމަ، އެ ނިންމުން ނިންމި ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ގަވައިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތީން އަމަލުކުރުމަށްފަހު އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރެކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ ޑިޕާޓްމެންޓުގެ ވެރިޔާއަށް ނިންމިދާނެ ކަމަށެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުވާ ނުކުރެވޭނެ ކަމަށް އެ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިޔުންތައް، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން އެއް އަހަރު ތެރޭގައި ނައްތައިލެވިދާނެ ހާލަތްތަކެއް އަދި އިޖުރާއަތްތަކެއް ”ޕޮލިސް ރެކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު“ ގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް، ޕީޖީ އޮފީހުން ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިޔުންތަކުގެ އަސްލު، ޖިނާއީ އެހެން ދައުވާތަކާ ގުޅިގެން ބޭނުން ކުރަން ޖެހޭ ހާލަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަންކަމަށް ރިއާޔަތްކޮށް، ދައުވާ ނުކުރެވޭނެ ކަމަށް އެ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިޔުންތައް ރައްކާތެރިކުރުމާއި، ނައްތައިލުމާ ގުޅޭ އިރުޝާދެއް ތަހުގީގީ އިދާރާތަކަށް ފޮނުވުމަށްޓަކައި އެކުލަވައިލަމުންދާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
”އެ އިރުޝާދު އެކުލަވާލައި ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރެވެންދެން، މި އޮފީހުގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިޔުންތަކުގެ އަސްލު ނައްތައިނުލުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި މިއަދު ވާނީ ދަންނަވާފައި،“ ޕިޖީން ބުންޏެވެ.
އިސްލާހުކުރި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މައްސަލައެއްގެ ލިޔެކިޔުންތައް ނައްތާލުމުގެ ކުރީން، އެ މައްސަލައެއްގެ ހުރިހާ ލިޔެކިޔުންތަކެއް ސްކޭން ކުރަންވާނެ ކަމަށާއި މައްސަލައެއްގެ ލިޔުންތައް ނައްތާލަން ވާނީ ނަކަލު ނުކުރެވޭ އަދި ނަގުލުވެސް ނުކުރެވޭ ގޮތަކަށް ކަމަށެވެ.




ގުޅުންހުރި
ސިނގިރޭޓު ވައްކަން: އިތުރު ތިން މީހަކު ހައްޔަރުކޮށްފި، ދިގަލި ވަހީދު ޝަރީއަތް
މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީ
އައްޑޫގައި މަރުވި ދެމަފިރިންގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި، ޖަނާޒާ މިއަދު
ސިނގިރޭޓު ވައްކަން: ހަވަނަ މީހަކަށް ހައްޔަރުކުރީ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން!
ސިނގިރޭޓު ވައްކަން: ހަވަނަ މީހަކު ހައްޔަރުކޮށް، ބަންދަށް ހަތް ދުވަސް
ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވާ ދިވެހި ޓީޗަރުގެ ބަންދަށް 30 ދުވަސް