އޮކްޓޯބަރ 29, 2025

”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް 24 ގަޑިއިރުގެ ދުވުމެއް

ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް 24 ގަޑިއިރުގެ ދުވުމެއް ބާއްވަން ނިންމައިފިއެވެ.

އާ ގާނޫނުގެ ދަށުން، 01 ޖެނުއަރީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާވާނެއެވެ. ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމުގެ ގޮތުން ބާއްވާ ދުވުން ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރު 4:00 އަށް މާލޭ އެކުވެނި ދަނޑުގައި ކަމަށެވެ.

އެ ދުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހުޅުވާލައިގެން، ބޭނުން ކޮންމެ މީހަކަށް ބައިވެރިވެވޭގޮތަށެވެ.

އެ ހަރާކާތާއެކު ސެޒޭޝަން ކްލިނިކްގެ އެހީތެރިކަމާއި ސިއްހީ ރަނގަޅު އާދަތަކަށް އަހުލުވެރިކުރުވުމާއި މައުލޫމާތުދިނުން ކުރިއަށްދާނެ ކަމަށާއި އޭގެ އިތުރުން ލައިވް މިއުޒިކް އަދި ފޮޓޯ ބޫތެއް ހިމެނޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

”ޖެނެރޭޝަން ބޭން“ އެއްގެ އިތުރުން ގާނޫނުގެ ދަށުން ވޭޕް ބޭނުންކުރުމާއި އެތެރެކުރުން ވެސް މަނާކޮށްފައެވެ. އަދި ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލުކުރުމަށް ވެސް ފިޔަވަޅުތަކެއް އަޅައިފައެވެ.