އޮކްޓޯބަރ 30, 2025

ވަގު ސިނގިރޭޓް މައްސަލާގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފި

ވަގު ސިނގިރޭޓުގެ ދެ މައްސަލައަކާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ’ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް’ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓު ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުކަމުގައި ތިއްބެވި ދެ ބޭފުޅުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

އެ ނިންމުން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށް ފަހު، މަޖިލީހުން ފޮނުވި ސިޓީގައި ދެއްވާފައިވާ ލަފައަށް ރިއާޔަތްކޮށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މިއީ ހޯކްސްގެ ތެޔޮ ބޯޓެއްގައި ރާއްޖެ އެތެރެކުރި ސިނގިރޭޓުތަކުގެ މައްސަލައާއި، ބޮންޑެޑް ވެއާހައުސްގައި ބަހައްޓާފައި ހުއްޓާ ކަސްޓަމްސްއަށް ނޭނގި، ގަވާއިދާ ހިލާފަށް އެ ސިނގިރޭޓުތައް ނެރުނު މައްސަލައެވެ

ރައީސް މުއިއްޒު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭ ގޮތުން އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، ފިޔަވަޅު އަޅަން ކަސްޓަމްސްއަށް އަންގަވާފައިވާ ކަމަށެވެ.

އެކަމަކު، އެ މުވައްޒަފުންނާ ގުޅޭ އެއްވެސް ތަފުސީލެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.