ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އިންތިހާބުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރުގެ ގޮތުގައި ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުސްނީ ވަނީ އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރެއްވައިފައެވެ.
ޖޭއެސްސީން މިރޭ ބުނީ އެ ކޮމިޝަނުގެ ރައީސަކު ހޮވުމަށްޓަކައި މިއަދު މިއަދު ބޭއްވި ކޮމިޝަނުގެ މިއަހަރުގެ 40 ވަނަ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ތެރޭގައި ނެގުނު ވޯޓުން އެ މަގާމަށް ހުސްނީ މުބާރިކް އައްޔަންކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީގެ ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް، މިދިޔަ އާދިއްތަ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ނަމަވެސް އޭނާ އިސްތިއުފާދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.



