އޮކްޓޯބަރ 30, 2025

މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިން ހަ ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ބޭންކުން ދޫކޮށްފައިވާ ޖުމުލަ ލޯނު އިތުރުވަމުން އަންނަ ކަމަށާއި އެގޮތުން މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލް އިން މިއަދު ވަނީ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާތައް އާންމުކޮށްފަ އެވެ.

އަހަރުގެ މިހާތަނަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށް ބީއެމްއެލް އިން ބުނި އިރު, މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ބޭންކުން ދޫކުރި ލޯނުގެ އަދަދަކީ 1.7 ބިލިއަން ރުފިޔާއެވެ. އަދި ދެވަނަ ކުއާޓަރުގައި 3 ބިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށް މާލީ ނަތީޖާތައް ދައްކަ އެވެ.

ބީއެމްއެލް އިން ބުނީ, ތިންވަނަ ކުއާޓަރުގެ ނިޔަލަށް ބެންކުގެ ޖުމުލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު, ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

ތިންވަނަ ކުއާޓަރުގައި ބޭންކުގެ ހިންދުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި ސާފު ފައިދާގެ ގޮތުގައި ތިންވަނަ ކުއާޓަރުގައި 475 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ނަތީޖާތައް ދައްކަ އެވެ.