އޮކްޓޯބަރ 30, 2025

ބަޖެޓުން މިލިއަނެއްހާ ރުފިޔާ ދޭ މީޑިއާއެއްގެ ހިއްސާދާރުންގެ ތެރޭ ޝަހީމްގެ ދަރިކަލުން މާހިލް

ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީ ލިބޭ މީޑިއާތަކުގެ ލިސްޓުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުالله މާހިލް ޝަހީމު ހިއްސާދާރެއްގެ ގޮތުގައި ހިމެނޭ ވެބްސައިޓަކަށް ފައިސާ ލިބޭ ކަމަށް ޔޫތް މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ. އެ ލިސްޓުގައި ހިމެނޭ މީޑިއާތަކުގެ ތެރެއިން މާލްދީފް އޮންލައިނަށް 899,197.77 ރުފިޔާ ދޭން ވަނީ ކަނޑައަޅައިފަ އެވެ.

މާލްދީފް އޮންލައިނަކީ އަރަބި ފަތުރުވެރިންގެ މެދުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށެވެ. މާލްދީފް ގުރޫޕުން ހިންގާ އެ ވެބްސައިޓުގެ މެނޭޖިން ޑިރެކްޓަރަކީ އެ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރަކަށްވެސް ހުންނަވާ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަނެވެ. އޭނާއަކީ ޝަހީމުގެ ވަރަށް އަރިސް ބޭފުޅެކެވެ.

ދެން އެ ވެބްސައިޓުގެ ބޯޑް ޑިރެކްޓަރުންގެ ތެރޭގައި ހިމެނެނީ އަހުސަންގެ އާއިލާ ބޭފުޅެއް ކަމަށްވާ އިބްރާހިމް އަޝްފާގެވެ. ހިއްސާދާރުންގެ ތެރޭގައި ހިމެނެނީ އަހުސަން އާއި އަޝްފާގުގެ އިތުރުން ޝަހީމްގެ ދަރިކަލުން މާހިލް އެވެ.

އެޑިޓަރުގެ ނޯޓް: މާލްދީފް އޮންލައިނަކީ ޝަހީމްގެ މާލްދީފް ގުރޫޕުން ފެށި ވެބްސައިޓެއް ކަމަށް ކުރިން މި ހަބަރުގައި ލިޔެފައިވާނީ 2020 ވަނަ އަހަރު އެ ވެބްސައިޓް ލޯންޗުކުރި އިރު ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ރިޕޯޓްކޮށްފައިވާ މައުލޫމާތަށް ބެލުމަށްފަހު އެވެ. ނަަމަވެސް ޝަހީމް ވަނީ އެ ވެބްސައިޓާ އެއްވެސް ގުޅުމެއް މިހާރު ނޯންނާނެ ކަމަށް ’ހަފްތާ‘ އަށް މިއަދު ކަށަވަރު ކޮށްދެއްވައިފަ އެވެ. އެހެންވެ ހަބަރުން އެ ބައި ވާނީ އުނިކޮށްފަ އެވެ.