ނޮވެމްބަރ 12, 2025

”މަސައްކަތް މިކުރަނީ ވެރިކަމުގެ ހުވާގެ މަތީގައި ހުރެ, ކޮންމެ ދުވަހަކުވެސް އެހުވާ ހަނދާންކުރަމުން“

މި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރި ޒިންމާ އަދާކުރެވޭތޯ މަސައްކަތް ކުރަމުން މި އަންނަނީ ވެރިކަމުގެ ހުވާގެ މަތީގައި ހުރެ, ހަމަ ކޮންމެ ދުވަހަކުވެސް އެ ހުވާ ހަނދާންކުރަމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ, ޖުމްހޫރީ ވެރިކަމެއް, އޭގެ ނަމުގައިވެސް, މާނައިގައިވެސް, މަފްހޫމުގައިވެސް އަދި ނިޔަތުގައިވެސް އެއީ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި އެއީ ރައްޔިތުންގެ ކިބައިން އުފެދިގެން އަންނަ ވެރިކަން ކަމަށެވެ.

އެގޮތުން ރައްޔިތުންނަށް އެންމެ މުހިންމު ވާނީ އެ ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް, ހަމަހަމަކޮށް, އިންސާފުވެރިކޮށް އަދި އަދުލުވެރިކަމާއެކީގައި އަދާކުރެވިގެން ދިއުން ކަމަށާއި އެ މަނިކުފާނުގެ ޒިންމާއަކީ އަދި މަސްއޫލިއްޔަތަކީވެސް އެކަން އެގޮތުގައި ކުރެވޭތޯ ކަށަވަރުކަމާ އެކީގައި މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

”އިދާރަކުރެއްވިއްޔާ, މި ވޭތުވެގެންމިދާ ދެ އަހަރު ދުވަހުގެ ތެރޭގައި, ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މި ޒިންމާ, މާތް الله ގަންދީ އަޅުގަނޑު އެ ދުވަހު ކުރި ހުވާގެ މަތީގައި ހުރެ, ހަމަ ކޮންމެ ދުވަހަކުވެސް އެ ހުވާ ހަނދާންކުރަމުން, އެ ޒިންމާ އަދާކުރެވޭތޯ މަސައްކަތް ކުރަމުން މި އަންނަނީ,“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ މިއަދާ ހަމައަށް މި ސަރުކާރުގެ ކަންކަން ރައްޔިތުން އެދުނު ގޮތަށް ގެނައުމުގައި ދިވެހި ރައްޔިތުން ދެއްވާ އެހީތެރިކަމާއި އިތުބާރު ފާހަގަކުރައްވައިފަ އެވެ. އަދި އެ މަނިކުފާނާ ހަވާލުކުރި ޒިންމާ އަދާކުރުމުގައި އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކުގައި ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވި އެވެ.