ޑިސެމްބަރ 1, 2025

ދެ ގުނަ ބޮޑު ޑްރެޖަރުން ރަސްމާލެ ހިއްކަން ފަށައިފި 

ރާއްޖޭގައި މިހާރު ބޭނުންކުރާ ޑްރެޖަރުތަކަށްވުރެ ދެ ގިނަ ބޮޑު ޑްރެޖަރެއް ގެނެސް، ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގައި ހުރި އެންމެ ބޮޑެތި ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށްވާ ޖާން ޑެ ނަލް ކުންފުނީގެ ”ކްރިސްޓޯބަލް ކޮލޯން“ އިން ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

އެއީ ރަސްމާލެއަށް ބިން އުފެއްދުމުގެ މަސައްކަތުގެ ބާރުމިން ތިން ގުނައަށް އިތުރުކުރުމަށް ފެށި މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ ހަފުތާއެއްގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތަށް ރާއްޖެ ގެނައި ދެވަނަ ޑްރެޖަރެވެ. ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް މިދިޔަ ހަފުތާގައި ޑްރެޖަރެއް ގެނެސް، މިދިޔަ ހުކުރު ދުވަހު ވަނީ ދެ ޑްރެޖަރާއެކު އެ މަސައްކަތް ފަށައިފައެވެ.

މައްޗަންގޮޅި ރައްޔިތުންނާއެކު މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ބޮޑު ޑްރެޖަރަކާއެކު މަސައްކަތް ފަށައި، އޭޕްރީލް މަހަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށެވެ.

ރަސްމާލެ ހިއްކައި ނިމޭއިރު، ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަ އޮތް ބިމަށްވުރެ ދެގުނަ ބޮޑުބިމެއް ލިބޭނެ ކަމަށާއި އެތަނުން 25،000 ގޯތި ދޫކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން 10،000 ގޯތި މާލޭގެ ރަށްވެހިންނަށް އަދި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ މީހުންނަށް 3،000 ގޯތި ދިނުމަށް ނިންމާފައިވާ ކަމަށެވެ.