ޑިސެމްބަރ 2, 2025

ފެނަކައިން ކެމެރާ ހަރުކުރުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުތަކުގައި ކެމެރާ ހަރުކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފިއެވެ.

އެ މައްސަލައިގައި ރަސްމީ ހައިސިއްޔަތުގެ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާކޮށްފައިވަނީ މ. ފެހިވިދުވަރުގެ، އިސްމާއިލް ޝަމްއޫނާއި، ޏ. ފުވައްމުލައް، ހޯދަޑު، މައިޒާން، މަރްޔަމް ދީނާ ސާލިހުގެ މައްޗަށެވެ. އެ މީހުންނަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

ރަސްމީ ހައިސިއްޔަތުގެ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް އެ މީހުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެއް އަަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ ދައުވާކޮށްފައިވަނީ މަރްޔަމް ދީނާ ސާލިހު، ފެނަކައިގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ ގޮތުގައި ހުރެ އަދި އިސްމާއީލް ޝަމްއޫން ފެނަކައިގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓްގެ ހެޑުގެ ގޮތުގައި ހުރެ، 25 ޖޫން 2018 ދުވަހު ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމަކާއި، ހެޑް އޮފީހުގައި ކޮމާންޑް ސެންޓަރަކާއި، އަދި ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ކެއިރެޓްސޫ ކުންފުނިން ފެނަކައަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ލިބިދިނުމުގައި އެ ދެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީ ކަމަށެވެ.