ޑިސެމްބަރ 4, 2025

ހިޔާ ފުލެޓުގެ އަގަށް ގެނައި ބަދަލުތައް ޕޯޓަލުން ފެންނަ ގޮތް ހަދައިފި 

ސަރުކާރުން ހިޔާ ފުލެޓުތަކުގެ ކުއްޔަށް ދީފައިވާ ލުއިތަކާއެކު، އަގަށް ގެނައި ބަދަލުތައް ”މައި ހުޅުމާލެ ޕޯޓަލް“ އިން ފެންނާނެ ގޮތް ހަދައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ސަރުކާރުން ހިޔާ ފުލެޓުތަކުގެ ކުއްޔަށް ދީފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް، ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފުލެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލު ”މައި ހުޅުމާލެ ޕޯޓަލް“ އިން މިހާރު ފެންނާނެ ކަމަށެވެ.

އެހެންކަމުން ހިޔާ ފުލެޓު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް މައި ހުޅުމާލެ ޕޯޓަލް https://my.hdc.mv އިން އެއްބަސްވުމުގެ އިސްލާހު ފުރިހަމަކުރުމަށް އެދޭ ކަމަށް އެޗްޑީސީން ބުންޏެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް ފްލެޓް ލިބުނު މީހުންގެ އަމިއްލަ އަތުން ކުރި ހަރަދު އަނބުރާ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ހިޔާ ފްލެޓްތަކުގެ ކުލިން 200،000 ރުފިޔާ ކުޑަކޮށްދޭން ސަރުކާރުން މިދިޔަ އަހަރު ވަނީ ނިންމައިފައެވެ. އެއީ ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްގެންނެވެ. އެހެންކަމުން މިހާރު އެ ފްލެޓްތަކުގެ ކުއްޔަކީ މެއިންޓެނަންސް ފީއާއެކު މަހަކު 4،984 ރުފިޔާއެވެ.

ހިޔާގެ ކުލީގެ ގޮތުގައި އެންމެ ފުރަތަމަ މަހަކު 7،500 ރުފިޔާ ކަނޑައެޅުމަށްފަހު، މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް އޭރުގެ ސަރުކާރުން ވަނީ ހިޔާ ފުލެޓުތަކުގެ ކުލި 5،300 ރުފިޔާއަށް ކުޑަކޮށްފައެވެ.