އެމްޑަބްލިޔުއެސްސީގެ މި އަހަރުގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފި އެވެ.
ސިޓީ ހޯލް ގުރައުންޑްގައި ބޭއްވި މި އެވޯޑް ނައިޓްގައި ދިގު މުއްދަތެއްގައި ކުންފުންޏަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށާއި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފަ އެވެ. މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދާއި ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރު އަބުދުލް މަތީން މުހައްމަދުގެ އިތުރުން ސީނިއާ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ.
މި އަހަރު ތަފާތު 12 ކެޓަގަރީއަކުން 36 މުވައްޒަފަކު ވަނީ އެވޯޑް ހާސިލުކޮށްފައެވެ. އަދި ކުންފުނީގައި ދިގު މުއްދަތައް ހިދުމަތްކޮށްފައިވާ 70 މުވައްޒަފަކަށް ވަނީ ރިކޮގްނިޝަން އެވޯޑް ދީފަ އެވެ.
ކުންފުނިން ދޭ އެންމެ ހާއްސަ އެވޯޑް، ޗެއާމަންސް އެވޯޑް ފޯ އެކްސެލެންސް ލިބުނީ ކުންފުނީގެ ޓެކްނިކަލް މެނޭޖަރު ހަސަން ޝަފީގެވެ. މި އެވޯޑަކީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްގީއަށް ފާހަގަކުރެވޭ، އަގުހުރި، އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން ކުންފުނީގެ ތަސައްވަރު ކުރިއެރުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކޮއްދީފައިވާ ފަރާތަކަށް ދޭ އެވޯޑެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، މި ހަފުލާގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެއްބައެއްގެ ގޮތުގައި، އެއް އަމާޒަކަށް ކުރިއަށް ދިއުމުގެ ރޫހު އާލާކޮށް އެކަމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
އެގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ބިނާކުރުމަށްޓަކައި ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި ދިގު މުއްދަތުގެ ސްކޮލަޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ މުވައްޒަފުންގެ ދުޅަހެޔުކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
މަތީން ވިދާޅުވީ، ފެނާއި ނަރުދާމާގެ ހިދުމަތަކީ ކޮންމެ ރައްޔިތެއްގެ ދިރިހުރުމާއި ގުޅިފައިވާ އަސާސީ ހިދުމަތަކަވުމުން، ކުންފުނިން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ހިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް، ޒަމާނީ އާ ޓެކްނޮލޮޖީއާއި ވަސީލަތްތައް އިތުރުކޮށް، ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އަދި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތްތައް ނިންމާފައިވާކަމާއި ސަރުކާރުން އެ ކުންފުންޏާއި އަލަށް ހަވާލުކުރި މަޝްރޫއުތަކުގެ މަސައްކަތްތައް ވެސް މެދުނުކެނޑި ކުރިއަށްދާކަމުގައި ވެސް ވިދާޅުވި އެވެ.
އެމްޑަބްލިޔުއެސްސީން އަބަދުވެސް ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މުވައްޒަފުން ކުރާ ހީވާގި މަސައްކަތް ފާހަގަކޮށް އަގު ވަޒަންކުރަމުންނެވެ.




ގުޅުންހުރި
އެމްޑީޕީއަށް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ހުރިހާ އެއްބާރުލުމެއް ދޭނަން: ނަޝީދު
64 އަހަރުގެ މީހަކަށް ޒުވާން ލޯބިވެރިޔާ ހަމަލާދީ ޒަހަމްކޮށްލައިފި
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށަނީ، ރޯދައިގެ ކުރިން ނިންމާނެ
ހޯރަފުށީ ކައުންސިލުގެ ރައީސް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފި
އަޅުގަނޑަކީ މީހެއްގެ ނުފޫޒެއްގައި ޖެހޭނެ މީހެއް ނޫން: ގަޕޯ
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ގަޕޯ އިންތިހާބުކޮށްފި