އިރުގެ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް، ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ”އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ“ގެ ނަމުގައި ޕްރޮގްރާމެއް އެމްޑަބްލިޔުއެސްސީން ރ. ދުވާފަރުގައި އިފްތިތާހުކޮށްފިއެވެ.
ދުވާފަރުގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި ”އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ“ އިފްތިތާހުކޮށްދެއްވީ ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
”އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ“ ޕްރޮގްރާމުގެ އަމާޒަކީ، ދުވާފަރު ގޭބިސީތަކަށް އިޢާދަކުރަނިވި ހަކަތައިގެ މަންފާ ލިބިދީ ކަރަންޓު ބިލު ކުޑަކުރުމަށް މަގުފަހިކޮށް، ދުވާފަރުގައި އުފައްދާ ކަރަންޓުގެ 33 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައަށް 2026ގެ ނިޔަލަށް ހަދައި، އަދި ޑީސަލް އަންދާ މިންވަރު ދަށްކޮށް، ޖައްވަށް ބޭރުކުރެވޭ ދުމުން ދުވާފަރުގެ ތިމާވެށި ރައްކާތެރިކުރުމެވެ.
މިއަދު އިފްތިތާހުކޮށްފައިވަނީ އެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވެއްސެވެ. އެ ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދުވާފަރު ގޭބިސީތަކުގައި ހަރުކުރާ ސޯލާ ޕީވީ ނިޒާމުތަކަށް އިންސްޓޯލްމަންޓަށް ގޭބިސީން ފައިސާ ދައްކާ ގޮތަށެވެ. އެ ޕްރޮގްރާމްގެ ދަށުން، އަވިން ހަކަތަ އުފައްދާ ނިޒާމުތައް ހަރުކުރާ ގޭބިސީތަކަށް ބިލުކުރާނީ ނެޓް މީޓަރިން އުސޫލުގެ ދަށުންނެވެ.
އެ އުސޫލުގެ ދަށުން، ބިލު ކުރާނީ ގޭބިސީއެއްގައި ބޭނުންކުރި ކަރަންޓު ޔުނިޓުގެ އަދަދުން ސޯލާ ޕީވީ ނިޒާމުން އުފެއްދި އަދަދު އުނިކުރުމުން ބާކީވާ ޔުނިޓުތަކަށެވެ. ކަރަންޓު ބިލުން އުނިވާ އަދަދު، އިންސްޓޯލްމަންޓް އުސޫލުން ގަނެފައިވާ ޕީވީ ނިޒާމުގެ އަގު ހަމަވަންދެން ކޮންމެ މަހެއްގެ ކަރަންޓު ބިލުގައި ހިމެނޭނެއެވެ. މިއީ ސޯލާ ނިޒާމު ހަރުކުރުމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް ކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތުދެއެވެ.
”އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ“ ޕްރޮގްރާމަށް ޝައުގުވެރިވާ ދުވާފަރު ރައްޔިތުންނަށް www.irunhakatha-mwsc.com.mv މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި އެ ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތުވެސް އެ ޕޯޓަލުން ލިބެން ހުރެއެވެ.




ގުޅުންހުރި
ދުވާފަރު ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި
އެމްޑަބްލިޔުއެސްސީން ކުމުންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު އިފުތިތާހުކޮށްފި
އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ހެދި ރާއްޖޭގެ އެންމެ ބޮޑު ފެންތާނގީ ބޭނުންކުރަން ފަށައިފި
އެމްޑަބްލިޔުއެސްސީން ކެންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު އިފުތިތާހުކޮށްފި
އެމްޑަބްލިޔުއެސްސީން ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި