ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ

ނަރުހުންނާއި ޓީޗަރުންނާއި ބިއުޓީޝަނުންނާއި ހެއާ ޑްރެސަރުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތަށް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެެނެސް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ގެޒެޓުގައި މިދިޔަ އާދިއްތަ ދުވަހު ވަނީ އާންމުކޮށްފައެވެ. އެ އިސްލާހުގައި ވަނީ ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ކެބިނެޓުން ކަނޑައަޅާފައިވާ ދާއިރާތައްް ބަޔާންކޮށް، އެ ދާއިރާތަކުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ވަކި މުއްދަތެއް ދީފައެވެ.

މިނިސްޓްރީން ބުނީ އެ ގަވައިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށްފަހު އިލެކްޓްރިކަލް އިންޖީނިއަރުންނާއި ޑައިވް އިންސްޓްރަކްޓަރުންނަށް ދޫކޮށްފައިވާ ކޯޓާތައް ބާތިލުވާނެ ކަމަށެވެ.

އޭގެ އިތުރުން އެ ގަވައިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ހައުސް ކީޕިން މެނޭޖަރުންނާއި ހިއުމަން ރިސޯސް މެނޭޖަރުންނާއި ފްރަންޓް އޮފީސް މެނޭޖަރުންނާއި ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުންގެ ކޯޓާތައް ބާތިލުކުރާނެ ކަމަށެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި ކޯޓާ ބާތިލުކުރާ ވަޒީފާތައް:

  • ހެއާ ޑްރެސަރުން
  • ބިއުޓީޝަނުން
  • ބޭބީ ސިޓާސް
  • ޕާސަނަލް ޓްރެއިނާސް
  • ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)
  • އިލެކްޓްރީޝަނުން
  • އެކައުންޓެންޓުން
  • ޓުއާ ގައިޑުން
  • އިމާމުން

ތިން އަހަރު ދުވަހުގެ މުއްދަތަކަށްފަހު ކޯޓާތައް ބާތިލުކުރާ ވަޒީފާތައް:

  • ޑައިވަރުން
  • ބިލްޑިން އިކްސްޕެކްޓަރުން
  • ސާވޭޔަރުން
  • ސައިޓް ސުޕަވައިޒަރުން
  • ނަރުހުން
  • ޕައިލެޓުން