ޑިސެމްބަރ 18, 2025

މެންދަމުން ފެށިގެން ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލު ކުރަން ރައީސް އަންގަވައިފި

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ މިރެއިން ފެށިގެން އެ މީހުން ހުއްޓުވައި ސުވާލު ކުރަން ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.

ރައީސް އެކްސްގައި ދެންމެ ވިދާޅުވީ، ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ އާއި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ބައެއް ބިދޭސީން އުޅެމުންދާތީ, ދަންވަރު 12 އިން ހެނދުނު 6 އާ ހަމައަށް އާންމު ތަންތަނުގަ އާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލު ކުރަން އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ މީހުންގެ ފަރާތުން ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން ފިޔަވަޅެއް އަޅަންޖެހޭ ނަމަ އެ ފިޔަވަޅެއް އެޅުމަށް ވެސް ދިވެހި ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތަކަށް ދަންނަވާފައި ވާނެ ކަަމަށެވެ.