ޑިސެމްބަރ 19, 2025

އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ރޯދައިގެ ކުރިން ފައިސާ ދައްކައި ނިންމޭތޯ ބަލަނީ

ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން، އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ބިލުތަކަށް ފައިސާ ދައްކައި ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި މަސް ނިމެންވާއިރަށް ގިނަ ބިލުތަކަށް ފައިސާ ދައްކައި ނިންމައިލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

”ދޭން ހުރި ފައިސާ ވެސް އިރާދަކުރެއްވިއްޔާ، މި ދެންނެވިހެން ފުދޭ ވަރަކަށް ގިނަ ފަރާތްތަކަކަށް މި މަސް ނިމޭއިރަށް، ބާކީ މިއޮތް 15 ދުވަސް ތެރޭގައި، ދެ ހަފުތާއެއްހާ ދުވަސް މިއޮތީ، އިރާދަކުރެއްވިއްޔާ މި ބަލަނީ ޕޭ ކޮށްލެވޭތޯ. އަދި ހަމައެއާއެކީގައި ޖެނުއަރީ މަސްތެރޭގައި ބާކީ އެމައުންޓް ވެސް ރޯދަމަހާ ހިސާބަށް ދާންވާއިރަށް ކުލިއާކޮށްލެވޭތޯ މި ބަލަނީ،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ދައްކަންޖެހޭ ބިލުތަކަށް ބަލާފައި، މީރާއަށް ވިޔަފާރިތަކުން ދައްކަން އޮތް ފައިސާއަށް ލުއިތަކެއް ގެނެސްދިނުމަކީ މިހާރު ވެސް ކޮންމެވެސް ވަރަކަށް ކުރަމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް މިހާރަށްވުރެ އެކަން ފުޅާކޮށް، ގިނަ ވިޔަފާރިތަކަށް އެ ލުއިދެވޭނެ ގޮތެއް އޮތްތޯ ބައްލަވައިދެއްވާނެ ކަމަށެވެ.