މާލީ ދާއިރާ ތަރައްގީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފިއެވެ.
އެކަމަށްޓަކައި މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ނޭޝަނަލް ފައިނޭންޝިއަލް އިންކްލޫސިވް ސްޓްރެޓެޖީ (އެންއެފްއައިއެސް) އަދި ނޭޝަނަލް ސަސްޓޭނަބަލް ފައިނޭންސް ރޯޑްމެޕް (އެންއެސްއެފްއާރު) އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އޮފީހުން ބުނީ މާލީ ނިޒާމުގެ ތެރެއިން ލިބެންހުރި ހިދުމަތްތައް ފުޅާކޮށް ހިދުމަތް ލިބޭނެ މަގުފަހިކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި މާލީ ދާއިރާގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި ތައާރަފުކުރި އެ ދެ ސްޓެރެޓެޖީއަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވުމުގެ އިތުރުން ދިވެހި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ ދެ ސްޓެރެޓެޖީ ކަމަށެވެ.
ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ ނުވަތަ މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީއަކީ މާލީ ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގު ތަނަވަސްކޮށް، އެ ހިދުމަތްތައް ބޭނުންކުރުން އިތުރުކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެކެވެ.
ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕަކީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް މާލީ ނިޒާމުގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި އެކުލަވާލެވިފައިވާ ރޯޑްމެޕެކެވެ. އެ ރޯޑްމެޕުން ތިމާވެއްޓާ ރައްޓެހި، އިޖުތިމާއީ އަދި ދެމެހެއްޓެނިވި ތަރައްގީއާ ގުޅިފައިވާ މާލީ އުފެއްދުންތައް ތައާރަފުކުރުމަށް ހިތްވަރުދީ، އެކަމާ ގުޅޭ ގަވާއިދުތައް ހަރުދަނާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި، އިއާދަކުރަނިވި ހަކަތައާއި، ސަސްޓެއިނަބަލް ހައުސިން ފަދަ ދާއިރާތަކަށް ވުނަކުރުމަށް ބޭނުންވާ ފަންޑް މާލީ ނިޒާމުގެ ތެރެއިން ލިބޭނެ މަގު ތަނަވަސްކުރެވިގެންދާނެއެވެ.
އެ ރަސްމިއްޔާތުގައި ”ޕޭމަންޓް މޯލްޑިވްސް“ ވެސް މިއަދު ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ. އެ ކުންފުނި އިފްތިތާހުކޮށްދެއްވީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ.
”ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް“ އަކީ ދިވެހިރާއްޖޭގެ ޕޭމަންޓް ސިސްޓަމް ތަރައްގީކޮށް އާންމުންނާއި ވިޔަފާރިތަކަށް ބޭނުންކުރަން ފަސޭހަ ޕޭމަންޓް ހިދުމަތްތަކެއް، މިހާރަށްވުރެ ހަލުވިކޮށް ތައާރަފުކުރެވޭނެ ފަދަ އިންފްރާސްޓްރަކްޗާއެއް ގާއިމުކުރުމުގެ މަގުސަދުގައި އެމްއެމްއޭ އިން އުފެއްދި ކުންފުންޏެކެވެ.
ރައީސް އޮފީހުން މައުލޫމާތުދޭގޮތުގައި ޕޭމަންޓް މޯލްޑިވްސް ވެގެން ދާނީ އެމްއެމްއޭގެ މަސްއޫލިއްޔަތާއި ވަކިކުރެވި، ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ވަކި މެނޭޖްމަންޓެއްގެ ދަށުން ކުރިއެރުވުމުގެ ޒިންމާ މަތިކުރެވިފައިވާ ކުންފުންޏަކަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި މަރުކަޒީ ބޭންކަށް އެކިއެކި ގޮތްގޮތަށް އެހީތެރިވެފައިވާ ފަސް ފަރާތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ. އެ ފިލާ ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ.




ގުޅުންހުރި
ދިގު މުއްދަތަކަށް ”ވާނުވާ“ގައި ތިބި މީހުންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް
ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރުމަށް ޕާކިން ހިމެނޭގޮތަށް ޝަރުތުތަކެއް ހިމަނަނީ
ހުޅުމާލޭ ފޭސް އެކެއްގެ ގޯތިތަކުގެ އަގުން ދިހަ ޕަސަންޓުގެ ޑިސްކައުންޓެއް
ގްރޭޑު 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ވެއްދުން މަނާ،
ކުލި ނުދައްކާ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މައާފުކޮށްދީފި
ދިވެހިބަހުގެ ފޮތްތައް ލިޔާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ހާއްސަ ގޮތްތަކެއް ހަމަޖައްސައިދެނީ