ޑިސެމްބަރ 23, 2025

މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް، ފިޔަވަޅު އަޅަނީ!

މާލެ ސަރަހައްދުގައި ކުރިޔަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށާއި ދޫކޮށްފައިވާ ހުއްދައާ ހިލާފަށް މަސައްކަތްކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ދީފިއެވެ.

އީއާރުއޭއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގައި ހިންގާ ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާތައް އެ އޮތޯރިޓީ ލިބޭ ކަމަށެވެ

އޭގެ ތެރޭގައި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެއް ނެތި މަސައްކަތް ކުރުމާއި ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުގެ ބޭރުން ވެލި ނެގުމާއި މޫސުން ގޯސްވެ، މޫސުމާ ބެހޭ އިދާރާ އިން ޔެލޯ އެލާޓް ނެރެފައިވާ ދުވަސްތަކުގައި ވެސް މަސައްކަތް ކުރަމުން ދިއުން ފަދަ ޝަކުވާތައް އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށް ބުންޏެވެ.

އެ ޝަކުވާތަކާ ގުޅިގެން އެ ކަންކަން ބަލައި މަޝްރޫއުތައް މޮނިޓާ ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެެ.

”މި އޮތޯރިޓީއަށް ހުށަހެޅިފައިވާ މިފަދަ ޝަކުވާތަކާ ގުޅިގެން، މިހާރު މިދަނީ އެކަންކަން ބަލައި، މަޝްރޫއުތައް މޮނިޓާ ކުރަމުން. އަދި ހުއްދަތަކާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،“ އީއާރުއޭގެ އިއުލާނުގައިވެއެވެ.

އީއާރުއޭ އިން ވަނީ މަޝްރޫއުތައް ހިންގާ ފަރާތްތަކުން އެ އޮތޯރިޓީން ފާސްކޮށްފައިވާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) އާއި ދޫކޮށްފައިވާ އެހެން ހުއްދަތަކާ އެއްގޮތަށް މަސައްކަތްކުރުމަށް އިލްތިމާސްކޮށްފަ އެވެ.