ޖެނުއަރީ 17, 2026

ކައުންސިލު އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި 

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އަދި ޑަބްލިޔުޑީސީތަކުގެ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ މިއަދުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 3:30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އީސީން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މިފަހަރުގެ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ފޯމު ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށް އެ މީހަކު އަމިއްލައަށް އެމީހެއްގެ އީފާސް ލޮގިން މެދުވެރިކޮށް ކަމަށެވެ.

ޕޯޓަލް މެދުވެރިކޮށް އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް 50 މީހުންގެ ތާއީދު އޮތްތޯ ބެލުމުގެ ބައި ފުރިހަމަކުރުމަށް ވަކިން ބައެއް އަންނާނެ ކަމަށާއި ޕާޓީގެ ފަރާތުން ކުރިމަތިލާ ކެނޑިޑޭޓްގެ ފޯރު ފުރިހަމަ ކުރެވޭނީ ސިމަދަ ޕޯޓަލް މެދުވެރިކޮށް، އެ މީހަކީ އެ ޕާޓީގެ ކެންޑިޑޭޓެެއް ކަމަށް އެ ޕާޓީން އެކްސެޕްޓް ކުރުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމުލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް 678 މެންބަރުންނެވެ.

އެ އިންތިހާބުގައި ޖުމުލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ  144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.