ޖެނުއަރީ 18, 2026

ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު

ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެއްވައިފިއެވެ.

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މިއަދު ވަނީ ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފައެވެ.

މާލެ ސަރަހައްދުން 7،900 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާ އިރު، އެ ފުލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ އޭޕްރީލް 17 ވަނަ ދުވަހުގެ 23:59 ނިޔަލަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް އަންނަ މާޗް މަހުގެ 4 ގެ 23:59 ގެ ނިޔަލަށް 15،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

އެކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ 2008 ގެ ފަހުން އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ފެށި ހައުސިން މަޝްރޫއެއް ނިންމައި މީހުން ވެއްދިފައެއް ނުވާ ކަމަށާއި ނަމަވެސް މި ސަރުކާރުގެ މި ދައުރުގެ ތެރޭގައި ރަޖިސްޓްރީ ހައްދައި، ގޯތި ވެސް ހަވާލުކޮށްދޭނެ ކަމަށެވެ. އޭގެ އިތުރުން 7،900 ފުލެޓަށް ވަދެވޭވަރު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޕޯޓަލް މެދުވެރިކޮށް ކޮންމެ މީހަކަށްވެސް އެ މީހެއްގެ ވެރިފައިޑް އީފާސް އެކައުންޓުން ލޮގިންކުރުމުން ބޭނުންވާ ސްކީމް އިހުތިޔާރުކުރުުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެޕްލިކޭޝަން ސަބްމިޓްކުރުމުން ސަބްމިޓްކުރިކަމުގެ ލިޔުން އީމެއިލުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން އެޕްލިކޭޝަން ސަބްމިޓްކުރުމުން ދޫކުރާ ލިޔުމުގައި އެޕްލިކަންޓަށް ޕޮއިންޓު ލިބުނުގޮތުގެ ތަފްސީލުވެސް ހިމެނިފައިވާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.