ޖެނުއަރީ 20, 2026

އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް ނަގަހައްޓާނެ: ރައީސް 

އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް ދެއްވި މެސެޖެއްގައި ވިދާޅުވީ ދިވެހި ގައުމުގެ ދިފާއުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް މި ފުރުނީ 482 އަހަރު ކަމަށެވެ.

”ހިޖުރައިން 965 ވަނަ އަހަރު ޝައުބާންމަހުގެ އެއްވަނަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެ ވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމައަށް މި ހިތްވަރުގަދަ ގައުމީ ބަތަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫހު ތާއަބަދު މި ގައުމުގައި ދިރިދިރި ހުންނާނެ،“ އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި، ގައުމީ ގަދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާވެސް މިއަދު މި އާކުރަނީ ޝުކުރުވެރިކަމާއެކު ކަމަށެވެ.

އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ ކަމަށާއި މާތްﷲ ގެ ތަނަވަސް ރަހުމަތްފުޅާއެކު މިނިވަންކަން މަތީ ދިވެހި ގައުމު ދެމިއޮންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.