ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމަށްވާ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުން ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުވާ ދެ ޑޮކްޓަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މީރާއިން ފޮނުވައިފިއެވެ.
މީރާއިން އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ އެ ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފާއި ޑރ. އަލީ އަބްދުﷲ ލަތީފްގެ މައްޗަށެވެ.
މީރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕީސީއާރް ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު އެ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތްތަކެއް ކަމަށް ފާހަގަކުރެވިފައިވީ ނަމަވެސް، އެ ފަރާތްތަކުން މީރާއަށް ހުށަހަޅާފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާ ކަމަށް ފާހަގަކުރެވިގެން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.
ޓެކްސް އަހަރު 2020، 2021 އަދި 2022 ވަނަ އަހަރުގައި ޕީސީއާރް ޓެސްޓިންގެ އިތުރުން އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުންގެންދާ ”ޕާލް މެޑިކަލް ސެންޓަރު“ ކްލިނިކު މެދުވެރިކޮށް އެހެނިހެން ހިދުމަތްތައް ފޯރުކޮށްދީފައިވީ ނަމަވެސް، އެ ހިދުމަތްތަކުން ލިބިފައިވާ ފުރިހަމަ އާމްދަނީ ވެސް މީރާއަށް ރިޕޯޓުކޮށްފައިނުވާކަން މީރާގެ ތަހުގީގުގައި ހޯދިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މީރާއިން ބުނީ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ޕީސީއާރް ޓެސްޓިން ހިދުމަތް އެންމެ އަވަހަށް ފެށި އެއް ފަރާތްކަމާއި، 2020 އަދި 2021 ވަނަ އަހަރު އާންމު ފަރާތްތަކުގެ އިތުރުން ޓޫރިސްޓް ފެސިލިޓީތަކަށް އެ ހިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީފައިވީ ނަމަވެސް، އެ ހިދުމަތުން ލިބިފައިވާ އެންމެހާ އާމްދަނީ މީރާއަށް ހުށަހަޅާފައިވާ މާލީ ހިސާބުތައް އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނައިފައިނުވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
އެ ހިދުމަތް ފޯރުކޮށްދީގެން ޓެކްސް އަހަރު 2021 އަށް ލިބިފައިވާ އާދަޔާހިލާފު ބޮޑު އާމްދަނީއާ ގުޅިގެން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު ދަށްކުރުމުގެ ނިޔަތުގައި މާލީ ހިސާބުތަކުގައި ’ކޮސްޓް އޮފް ސޭލްސް‘ އަދި އިދާރީ ހަރަދުގެ ގޮތުގައި ސައްހަ ނޫން އަދަދުތަކެއް އުނިކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް މީރާއިން ބުންޏެވެ.
އެގޮތުން ޓެކްސް އަހަރު 2020، 2021 އަދި 2022 އަށް، އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 31.9 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ އަދި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓެކްސް އަހަރު 2020 އަދި 2021 އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 102.7 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނަފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށް މީރާއިން ބުންޏެވެ.
މީރާއިން ބުނީ އެ ތަހުގީގާ ގުޅިގެން މީރާއިން ކުރިއަށްގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖުމްލަ 4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އަންގާފައިވާ ކަމަށެވެ.
އެ މައްސަލައިގައި އެ ދެ ކުންފުނީގެ އިތުރުން، މައްސަލައިގައި އިސްކޮށް އުޅެފައިވާ ކަމަށް ފާހަގަކުރެވިފައިވާ، ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފް، އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ކަމުގައިވާ ޑރ. އަލީ އަބްދުﷲ ލަތީފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވާނެ ކަމަށް މީރާއިން ބުންޏެވެ.
އޭގެ އިތުރުން އެނގިހުރެ ސައްހަ ނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބު އަދި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާކަމުގެ ތުހުމަތުގައި އެ މުއްދަތުތަކަށް އެ ދެ ކުންފުނީގެ މާލީ ހިސާބާއި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާ އަލީ ފަޔާޒްގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް އެދިފައިވާނެ ކަމަށް ވެސް މީރާއިން ބުންޏެވެ.




ގުޅުންހުރި
ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ރުގްޔާގެ ނަމުގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކަށް ހުކުމްކޮށްފި
ތަކުރާރުކޮށް ކުށްކުރާ މީހުންގެ މައްސަލަތައް އަވަސްކުރަނީ
ސިނގިރޭޓު ވައްކަން: 11 މީހަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި
ސިނގިރޭޓު ވައްކަން: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ ވެރިޔާ ދިގަލި
އާޒިމާގެ މައްޗަށް ކުރާ މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރިއަށް ނުގެންދަން