ހާލަތު ބަލަން ގޭގެއަށް ދިއުމަކީ ކަރަޕްޝަންގެ ތެރެއަށް ހިނގައިދާނެ ކަމެއް ކަމަށާއި އެގޮތަށް އެކަން ނުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މިދިޔަ އާދީއްތަ ދުވަހު ވަނީ ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފައެވެ.
މާލެ ސަރަހައްދުން 7،900 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާ އިރު، އެ ފުލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަ އޭޕްރީލް 17 ވަނަ ދުވަހުގެ 23:59 ނިޔަލަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް އަންނަ މާޗް މަހުގެ 4 ގެ 23:59 ގެ ނިޔަލަށް 15،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ”ރާއްޖެމިއަދު“ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެމީހެއްގެ ހާލަތު ބެލުމުގެ ގޮތުން، އެމީހެއްގެ ގޭގައި ހުންނަނީ ކިތައް ފާހަނަތޯ، ކިތައް ކޮޓަރިތޯ، ދިރިއުޅެނީ ކިތައް މީހުންތޯ، އަދި އެ ފާހަނައަށް ވަދެ ނުކުންނަ މީހުންގެ މައުލޫމާތަކީ ވެރިފައި ކުރެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ.
ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މަންމަ ވެސް ގޯސް މައުލޫމާތުތަކެއް ދީގެން ފުލެޓު ހޯދާފައިވާ ކަމަށާއި ބައްޕައަކީ މާލޭގައި ގޯތި ގެދޮރު ހުރި ބޭފުޅެއް ނަމަވެސް، މަންމަގެ އެޕްލިކޭޝަންގައި ހަ މީހަކު އެއް ފާހާނާ ބޭނުންކުރާ ކަމަށް ޖަހާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތަށް ވެރިފައި ނުކުރެވޭ މައުލޫމާތުތަކެއް ހޯދުމަކީ އެއީ ކަރަޕްޝަންގެ ތެރެއަށް ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި އެފަދައިން ނުބައި މައުލޫމާތުދީގެން މީހުން ފްލެޓް ހޯދާފައިވާ ވާހަކަ ވަރަށް ގިނައިން އިވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން އެންމެ އިންސާފުވެރިކަމާއެކު ހައްގުވެރިންނަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ ގޮތަކީ އެ ފަރާތްތަކަށް ލިބޭ އާމްދަނީ އާއި މުދާވެރިކަމާއި ބެލުމުގެ ދަށުގައި ތިބި މީހުންގެ މައުލޫމާތަށް ބަލައިގެން ކަމަށާއި އެއީ ވެރިފައިކުރެވޭނެ މައުލޫމާތު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގޭގެއަށް ގޮސް ހާލަތު ނުބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ދޫކުރި ހިޔާ ފުލެޓުތައް ދިނުމުގައި ހާލަތު ބެލުމަށް ވަނީ ގޭގެއަށް ގޮސްފައެވެ. ނަމަވެސް ހާލަތު ދަށް ކަމަށް ދެއްކުމަށް ބައެއް މީހުން މަސައްކަތްކޮށްފައިވާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ.
އޭގެ ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކަށް ހާލަތު ބެލުމަށް ގޭގެއަށް ގޮސްފައެއް ނުވެއެވެ.



ގުޅުންހުރި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
އަންނަ މަހުގެ 15 ގައި ފުލެޓާއި ގޯއްޗަށް ހުޅުވާލަނީ
ބީއެމްއެލުން ހައުސިން މަޝްރޫއުތަކަށް، ހުޅުމާލޭގައި 2700 އަދި ވިލިމާލޭގައި 300 ފުލެޓު
ފުވައްމުލަކު 400 ފްލެޓް މަޝްރޫއު: ނިންމައި ތަޅުދަނޑި ހަވާލުކުރަން އޮތް ދުވަހު
ގެޒެޓްގައިވާ ލިސްޓާ ހިލާފަށް އެއްވެސް ފަރާތެއް ލިސްޓަށް އިތުރެއް ނުކުރަން: މުއްތަލިބް
ޕަބްލިކް ވޯކްސްއަށް ގެނައި ޑްރެޖަރުތަކާއި ލޭންޑިން ކްރާފްޓުތައް ގެއްލިއްޖެ