މިއީ މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރޯދައަށް ތައްޔާރުވާންވީ މަސް: ހުތުބާ

ވޭތުކުރަމުން މިދާ ޝައުބާން މަހަކީ، ގިނަގުނަ ސަވާބާއި މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރަމަޟާންމަހަށް ތައްޔާރުވެ، ރޯދަ ހިފާން ތަމްރީނުވާ މަސް ކަމުގައި ދަންނަން ޖެހޭ ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ޝައުބާން މަހަކީ، މައްސަރުތަކުގެ ތެރެއިން ހާއްސަ މަހެއް ކަމަށާއި މިއީ ރަމަޟާން މަހަށް މަރުހަބާ ކިޔާން ތައްޔާރުވަމުން އަންނަ މަސް ކަމަށެވެ.

”ފަހެ ތިޔަބައިމީހުން މި މަހު، ރޯދައާ ބެހޭ ހުކުމްތައް އުނގެނި، ރަމަޟާންމަހުގެ ރޯދަހިފުމަށް ތައްޔާރުވާށެވެ! އަދި މި މަހު، ތިޔަބައިމީހުން ހެޔޮ އަމަލުކުރުން ގިނަކޮށް، އަޅުކަމަށް ފަރުވާބަހައްޓައި ހީވާގިވާށެވެ! މި މަހަކީ ގިނަގުނަ ސަވާބާއި މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރަމަޟާންމަހަށް ތައްޔާރުވެ، ރޯދަ ހިފާން ތަމްރީނުވާ މަސްކަމުގައި ދަންނާށެވެ!..،“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ މާތް ނަބިއްޔާ ޝައުބާން މަހު، ހެޔޮ އަމަލުކުރެއްވުން ގިނަކުރެއްވި ކަމަށާއި ސުންނަތް ރޯދަ ހިއްޕެވުމާއި، ސުންނަތް ނަމާދުކުރެއްވުމާއި އެހެނިހެން ހެޔޮ އަމަލުތައް ގިނަކުރެއްވި ކަމަށެވެ. ހެޔޮ އަމަލުކުރުމުގައި، ކީރިތި ރަސޫލާ އިރުޝާދުދެއްވާފައިވަނީ މަދުން ނަމަވެސް އެކަމުގައި ދެމިހުރުމަށް ކަމަށް ހުތުބާގައި ބުންޏެވެ.

ބައެއް މީހުން އެ މީހުންނަށް ދާއިމީ ގޮތެއްގައި ކުރާން ދަތިވާ މިންވަރަށް ބައެއް ހެޔޮ އަމަލުކުރާން ފަށައި، ދުވަސްކޮޅަކުން އެކަން ބުރަކަމަކަށްވެ، އެ އަމަލުކުރުން ދޫކޮށްލާ ކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.

”މުސްލިމެއްގެ ހަޔާތުގައި ކުރާ ހުރިހާ އަމަލުތަކެއް ވެސް ކީރިތި ރަސޫލާގެ ސުންނަތާ އެއްގޮތަށް ކޮށް، އެކަލޭގެފާނުގެ މަތިވެރި ސުންނަތް ދިރުވުމަކީ މުހިންމު ކަމެކެވެ. އެގޮތުން އެކި މަސްމަހު އެކަލޭގެފާނު ކުރެއްވި އަޅުކަން ދެނެގަނެ، ކުޅަދާނަވީ ވަރަކުން އެ ފަދައިން އަޅުކަންކޮށް، އެކަލޭގެފާނާ އިގުތިދާވުމަކީ މުސްލިމުން އިސްކަންދޭންޖެހޭނޭ ކަމެކެވެ. އެކަލޭގެފާނަކީ މުސްލިމުންގެ ނަމޫނާއެވެ..،“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ވޭތުވެދިޔަ އަހަރުތަކުގައި ގަޟާނުކުރެވި ހުރި ފަރުޟު ރޯދައެއް ވާ ނަމަ، އެ ރޯދަތައް ގަޟާކުރުމަށް އަވަސްވެގަންނަން ޖެހޭ ކަމަށާއި ރަމަޟާންމަހުގެ ރޯދައާއި އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް، މަސައްކަތާއި ވަގުތު ރާވާލަން ޖެހޭ ކަމަށެވެ. އަދި ރަމަޟާންމަހަކީ، އިސްރާފުކުރުން ގިނަ މަހަކަށް ނުހަދައި، ވިޔަފާރިވެރީން ވެސް ދީލަތިވެ، ރޯދައިގެ އިތުރަށް، ވިޔަފާރިއަކީ ވެސް ގިނަގުނަ ސަވާބާއި ދަރުމަ ލިބޭ ވަސީލަތަކަށް ހަދަން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

ރޯދަމަހު ސަދަގާތްކުރުމަށް މިހާރުން ފެށިގެން ނިޔަތްގަންނަން ޖެހޭ ކަމަށާއި ރޯދައިގެ ސަވާބާއި ދަރުމަ ފުރިހަމައަށް ލިބޭނީ، ދުލާއި އެހެނިހެން ގުނަވަންތައް އުރެދުމުން ރައްކާތެރިކޮށްގެން ކަމަށްވުމުން، ރޯދަވެރިޔާ ހުތުރު ބަހުން ވާހަކަދެއްކުމާއި، ޒުވާބުކުރުމާ ވެސް ދުރުހެލިވާން ޖެހޭނޭކަން ދަންނަން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.