ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ނ. ވެލިދުއަށް މިއަދު ފަށައިފި އެވެ.
ވެލިދުއަށް ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަނުން އިއްޔެ ވަނީ އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި މޯލްޑިވިއަންގެ އިސްވެރިން އަދި ވެލިދު އާއި އެ ރަށާ ކައިރީގައި އޮންނަ ފޮއްދޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ޓިކެޓުގެ އަގުތައް
- ދިވެހިންނަށް ކޮޅަކަށް 999ރ.
- ޓޫރިސްޓުންނަށް ކޮޅަކަށް 93 ޑޮލަރު
މިދިޔަ އަހަރުގެ ޖުލައި މަހު ވެލިދުއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވެލިދުއަށް ސީޕްލޭންގެ ހިދުމަތް މި މަހު ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ އިއުލާން ކުރައްވައިފަ އެވެ.



