ސުވާލު: އަހަރެންގެ ޢުމުރަކީ 31 އަހަރެވެ. އަހަރެންގެ ދެ ކުދިން އެބަތިއްބެވެ. މި އުޅެނީ ކުއްޔަށް ތަނެއް ހިފައިގެންނެވެ. އަޅުގަނޑު ގެ ވިސްނުން ސުމަކަށްދާވަރުވާތީ ތިފަރާތާއި ސުވާލެއް ކޮށްލަން ބޭނުން ވެއެވެ. އަޅުގަނޑު މިހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. އަމިއްލަ ނަފުސަށް އިތުބާރު ކުރެވޭހެން ވެސް ހިއެއް ނުވެއެވެ. މީހުންނާ ވާހަކަ ދައްކާ އެކުގައި އުޅޭ ހިތެއްވެސް ނުވެއެވެ. އަޅުގަނޑުގެ މާ ގާތް އެކުވެރިން ނުތިބޭތީ ވާގޮތެއް ކަމަށްވެސް ވެދާނެއެވެ. އަތްމަތި ދައްޗެވެ. ހާސްވެ މާޔޫސްވެއެވެ. ސުވާލަކީ އަޅުގަނޑަށް މި ކަންބޮޑުވުންތަކާ ހާސްވުމުގެ އަސްލަކީ އަޅުގަނޑު ހަރުދަނާ މީހަކަށް ނުވާތީބާއެވެ؟ މިކަމުން އަރައިގަންނަން ހަދަންވީ ގޮތަކީ ކޮބައިތޯއެވެ؟
ޖަވާބު:
އިންސާނާ ހަރުދަނާ މީހަކަށްވުމަށް ހުރަސްއަޅާ ބައެއް ކަންތައްތައް ހުރެއެވެ. އޭގެ ތެރޭގައި ހިތާމައާއި ދެރަވުމާއި ކަންބޮޑުވުމާއި ހާސްވުމާއި މާޔޫސްވުންފަދަ ކަންތައްތައް ހިމެނެއެވެ. އޭގެ އިތުރުން ކަންނެތްކަމާއި ނުކުޅެދުންތެރިކަންވެސް ހިމެނެއެވެ. އަދި ފިނޑިކަމާއި ދަހިވެތިކަމާއި އެހެންމީހުންގެ ދަށުގައި އުޅެންޖެހުމާއި ދަރަނިވެރިވުންފަދަ ކަންކަން ހިމެނެއެވެ. މިފަދަ ޙާލަތްތަކުގައި ތިމާގެ ވިސްނުން ބަދަލުކޮށްލާ މީހާ ހަރުދަނާ މީހަކަށްވުމަށް އިސްލާމްދީނުގައި އޮންނަ ގޮތް ބަލާލަމާހެއްޔެވެ.
ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މިފަދަ ކަންކަން ދިމާވާ ހިނދު ދުޢާ ކުރައްވާފައި ވެއެވެ. އަދި އުއްމަތަށް މިކަން ދަސްކޮށްދެއްވާފައިވެސް ވެއެވެ. އެކަލޭގެފާނުގެ ދުޢާފުޅަކީ:
اَللَّهُمَّ إِنِّى أَعُوذُبِكَ مِنَ الْهَمِّ وَالْحُزْنِ وَأَعُوذُبِكَ مِنَ الْعَجْزِ وَالْكَسَل وَأَعُوذُبِكَ بِكَ مِنَ الْجُبْنِ والبُخلِ وَأَعُوذُبِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرِّجَالِ – މި ދުޢާގެ މާނައަކީ: ”ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ކަންބޮޑުވުމާއި ، ހިތާމަކުރަންޖެހޭކަންތައްތަކުން މި އަޅާ ސަލާމަތް ކޮށްދެއްވުން އެދި ، އިބަރަސްކަލާނގެ ޙަޟްރަތުން ރައްކައުތެރިކަމަށް މި އަޅާ އެދެމުއެވެ. އަދި ކަންނެތްކަމާއި ،ފިނޑިކަމުން ސަލާމަތްކޮށްދެއްވުން އެދި އިބަރަސްކަލާނގެ ޙަޟްރަތުން، މި އަޅާ ރައްކައުތެރިކަމަށް އެދެމުއެވެ. އަދި ދަރަނިވެރިކަމުންނާއި އެހެންމީހުންގެ އަތްދަށުވުމުން ސަލާމަތްކޮށްދެއްވުން އެދި ، އިބަރަސްކަލާނގެ ޙަޟްރަތުން ރައްކައުތެރިކަމަށް މި އަޅާ އެދެމުއެވެ.“
ހަނދާން ކުރާށެވެ. ކޮންމެ ކަމެއްގައިވެސް އެކަމުން ފައިދާކުރާނެ ގޮތްތަކަކާއި ގެއްލުން ލިބޭނެ ގޮތްތަކެއް ހުންނާނެއެވެ. އަދި އެކަމުން އަރައިގަނެވޭނެ ގޮތްތައްވެސް ހުންނާނެއެވެ. މިފަދަ ކަންތައްތައް ދުނިޔޭގައި ދިމާވުމަކީ ދުނިޔޭގެ ޤާނޫނެވެ. އެކަމުން އަރައިގަތުމަށް އަޅުގަނޑުމެން ބޭނުންކުރަންވީ ހަތިޔާރަކީ ކެތްތެރިކަމާއި އުއްމީދެވެ. މިދެހަތިޔާރުން ހަތިޔާރުއަޅައިގެން މިފަދަ މުޞީބަތްތަކާ ކުރިމަތިލެވޭނަމަ ތިމާގެ ޢިއްޒަތް ނިކަމެތިވެގެން ނުދާނެއެވެ. އޭރުން ތިމާ ހުންނާނީ މާތްﷲގެ ރައްކައުތެރި ކަމުގައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.
قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ – މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.“




ގުޅުންހުރި
ސީޕީ ނަވީން ރިޓަޔާކުރައްވައިފި
ރޯދަމަހު ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 32 ޕަސަންޓަށް އިތުރުކުރަނީ
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
ރޯދަމަހާ މެދު ވިސްނާލިނަމަ
ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް އީސީން