ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ 

ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް ކަމަށާއި ތަގުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ މައްސަރުތަކުގެ ތެރެއިން ރަމަޟާން މަސް އެތައް ގޮތަކުން މާތްﷲ މާތްކުރައްވައި މަތިވެރިކުރެއްވި ކަމަށާއި އޭގެ ތެރޭގައި އެ މައްސަރުގައި ކީރިތި ގުރުއާން ބާވައިލެއްވުމާއި ހާއްސަ އަޅުކަމެއް އެ މަހުގައި ފަރުޟުކުރައްވައިފައިވުން ހިމެނޭ ކަމަށެވެ.

ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިޔަސް ނުވަތަ ބޮޑުފާފައަކަށް ވިޔަސް އެ ފާފައަކުން ތައުބާވާންޖެހޭނެ ކަމަށާއި ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

”ހިތްނިޔަތް ހާލިސްކުރުމަކީ ތަޤުވާވެރިވުމަށް ޓަކައި ކުރާންޖެހޭނޭ ކަމެއްކަމެވެ. މާތްﷲ އަބަދުމެ ބައްލަވައިވޮޑިގެންވާކަން ހިތުގައި އޮންނާންޖެހޭނެއެވެ. އެކަލާނގެއަށް އެއްވެސް ކަމެއް ވަންހަނާނުކުރެވޭނޭކަން ދަންނާންޖެހޭނެއެވެ. މި މަތިވެރި މައްސަރުގައި ލައްވައިފައިވާ ހާއްސަ އަޅުކަން ފަރުޟުކުރެއްވުނު ހިކުމަތަކީ ވެސް ތަގުވާވެރިވުމެވެ،“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ރޯދައަށް ތިބޭ އިރު ތަގުވާވެރިކަންމަތީ ތިބެވޭތޯ ގަދައަޅައި މަސައްކަތްކުރާންވާނެ ކަމަށާއި ތަގުވާވެރިވުމަކީ ކޮންމެ ކަމެއްގައި ވެސް މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުން ކަމަށެވެ.

މި މައްސަރުގެ މަތިވެރިކަމާއި ދަރުމަ އެދޭކަމުގައިވާ ނަމަ މާތްނަބިއްޔާ މި މައްސަރުގައި ކަންކުރެއްވި ގޮތް ދަސްކުރާންޖެހޭ ކަމަށާއި އެކަލޭގެފާނުގެ ސީރަތަށް ބަލާ އިރު ރަމަޟާންމަހުގައި އެހެން މައްސަރުތަކަށް ވުރެ އަޅުކަމުގައި ހޭދަކުރައްވާ ވަގުތު އިތުރު ކަމަށް ހުތުބާގައި ބުންޏެވެ.