އެ މަނިކުފާނުގެ ހާއްސަ މަންދޫބުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، އެ މަގާމުން އިސްތިއުފާދެއްވަން އެންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ ތިންވަނަ ދުވަހު ރައީސް އިސްތިއުފާދެއްވާފައިވަނީ، ކުޑަކުދީންނަށް ޖިންސީ ގޯނާކުރަން، އެ ކުދިން ޓްރެފިކިން ކުރަން ބޮޑު އޮޕަރޭޝަނެއް ހިންގި ޖެފްރީ އެޕްސްޓެއިންއާ ރައީސް ވަހީދު ބައްދަލުކުރެއްވުމަށް މަޝްވަރާކުރެވުނު އީމެއިލެއްގެ ސްކްރީންޝޮޓެއް ލީކުވެފައިވަނިކޮށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނަށް އެކަން އެނގިވަޑައިގެންނެވި ހިސާބުން އިސްތިއުފާދެއްވުމަށް ވަހީދަށް ދެންނެވި ކަމަށާއި ވަހީދު އިސްތިއުފާ ދެއްވީ އެގޮތަށް ކަމަށެވެ.
ރައީސް މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ރައީސް ވަހީދު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 26 ގައެވެ.
އިސްތިއުފާދެއްވުމަށްފަހު ރައީސް ވަހީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޖެފްރީ އެޕްސްޓެއިންއާ ގުޅޭ މައްސަލައިގެ އެފަދަ އެއްވެސް މައުލޫމާތެއް އޭރު އެނގިވަޑައިގެންފައިނުވާ ކަމަށެވެ.



