ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެންވެސް ކުރަންހޖެހޭ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ފެންނަ ނުފެންނަ ވޯޓަކަށް އަހަން ވަނީ ނިންމައިފަ އެވެ. އަދި ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވައި ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2008ގެ ރިޔާސީ އިންތިހާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމާއި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރުން، އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ވެރިކަމަށް އައުމަށް ފަހު ކޮންމެ ސަރުކާރަކުން ވެސް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް މަސައްކަތްކުރާ ކަމަށާއި އެގޮތުން 2019 އަދި 2023ގެ މަޖިލިސް އިންތިހާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިން ބައި ގޮނޑި ވެރިކަން ކުރާ ޕާޓީއަށް ދީފައިވާ ކަމަށެވެ.
”އެހެންކަމުން މިހާރު މި އޮތް ގޮތުން ރައްޔިތުން ފަސް އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުކުރާ ފަރާތަށް މި ޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަސް އެކަމުގައި ހޭދަކުރާށެވެ. އަދި މީގެ އިތުރުން މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސް އަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަންވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައި ވެއެވެ.،“ ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމަކީ ގައުމުގެ ސިޔާސީ ހަމަޖެހުމަށް ކުރަން ލަސްވެފައިވާ ކަމެއް ކަމަށެވެ. އަދި މަޖިލީހުން ގެންނެވި މި އިސްލާހު ރައީސް ތަސްދީގު ކުރައްވާނީ ރައްޔިތުންގެ މިކަމަށް އާބަސް ބުނުމުން ކަމަށްވާތީ ރައްޔިތުންގެ ”ފެންނަ ނުފެންނަ“ ވޯޓުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ކަމަށް ވޯޓު ދެއްވުމަށް ގާސިމް އެދިވަޑައިގަތެވެ.
ގާސިމް ވިދާޅުވީ އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން އޭގެ ފައިދާ ބޮޑީ ރައްޔިތުންނަށް ކަމަށެވެ. އެގޮތުން ޓެކްސް ފައިސާ އިން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށާއި އެ ފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތާ ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތައް ވެސް އޭގެ ސަބަބުން މަދުވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.


