ގޯތި ހަދަން ހަރަދުކުރި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ކުރީގެ އަންހެނުންނަށް ދޭން ހުކުމްކޮށްފި 

ގޯތި އިމާރަތްކުރުމަށް އަނބިމީހާގެ ގޮތުގައި ހުރި އިރު، ހަރަދުކުރި މިލިއަނަކަށްވުރެ ގިނަ ރުފިޔާ އަނބުރާ ދޭން ކުރީގެ ފިރިމީހާގެ މައްޗަށް ހުކުމްކޮށްފިއެވެ.

އުތުރުގެ ރަށެއްގެ މެޖިސްޓްރޭޓަށް ކޯޓަށް ހުށަހެޅި އެ ދައުވާގައި އަންހެން މީހާ ވަނީ ފިރިހެން މީހާގެ އަތުން 1،026،440 (އެއް މިލިއަން) ރުފިޔާ ނަގައިދިނުމަށް އެދިފައެވެ.

އެ ދައުވާއަށް ފިރިހެން މީހާ ޖަވާބުދާރީވެފައިނުވާތީ މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ނިންމާފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ.

މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ވަނީ، އަންހެން މީހާ ދައުވާގައި އެދުނު ގޮތަށް ފިރިހެން މީހާ، 1،026،440 ރުފިޔާ ދެ ހަފުތާގެ ތެރޭގައި އަންހެން މީހާއަށް ދައްކައި ހަލާސްކުރުމަށް އަންގާ ކަމަށެވެ.

އެ މައްސަލައިގައި ގޯތިން ބައެއް ނަގައިދިނުމަށް ވެސް އަންހެން މީހާ އެދުނު ނަމަވެސް، އެކަމާ މެދު ކޯޓުން ގޮތެއް ނިންމައިފައެއް ނުވެއެވެ.